ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށްޓަކައި ގާނޫނެއް އުފެއްދުމަށް ހުށަހެޅި ބިލުގައި، އެފަދަ އިންތިޚާބެއް ބާއްވަން ކަނޑައަޅާފައިވާ 90 ދުވަހުގެ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި 'ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު'ގެ 12 ވަނަ މާއްދާގައި އޮތީ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި، ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަ ވެގެން 90 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެހެން އިންތިޚާބުތަކަށް ތައްޔާރުވުމަށާއި، ވަކިން ޚާއްސަކޮށް މީހުން ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް އެކަށީގެންވާ ވަގުތު ލިބޭ ކަމަށެވެ. އެއީ މަޖިލިސް އިންތިޚާބު ކަމުގައި ވިޔަސް ނުވަތަ ލޯކަލް ކައުންސިލް އިންތިޚާބު ނަމަވެސް ވަކި ތާރީޚެއްގެ ކުރިން އެ އިންތިޚާބު ބާއްވަންޖެހޭކަން ގާނޫނުން އެނގެން އޮތުމުން ކުރިއާލާ ތައްޔާރުވާން ވަގުތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އީސީގެ ރައީސް ޒާހިދާއި މެންބަރުން މިއަދު އޮތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި: އެދުނީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް އޮންނަ މުއްދަތު އިތުރުކޮށްދޭން -- ފޮޓޯ/ މަޖިލިސް
ނަމަވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަހަކީ އެކަންކޮށް، އިންތިޚާބަކަށް ތައްޔާރުވާން އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ޒާހިދު ވިދާޅުވިއެވެ.
ޒާހިދު ހުށަހެޅުއްވީ އެހެން އިންތިޚާބުތައް ބާއްވަން ދީފައިވާ މުއްދަތެކޭ އެއްގޮތަށް 45 ދުވަހާއި 120 ދުވަހާ ދެމެދުގެ މުއްދަތެއް، ފެންނަ ނުފެންނަ ވޯޓު ނަގާ އިންތިޚާބެއް ބާއްވަން ވެސް ދިނުމަށެވެ.
އަޅުގަނޑުމެންނަށް ގާނޫނުން އެބަ ލާޒިމުކުރޭ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދީ، ރައްޔިތުން ހޭލުންތެރިކުރުވަން ވަކި މުއްދަތެއްގެ ތެރޭގަ ވަކި ކަންތައްތަކެއް ކަނޑައެޅިގެން. އިދާރީ ގޮތުން ކިތަންމެ ބޮޑު ގޮންޖެހުންތަކެއް ހުއްޓަސް [އިންތިޚާބު] ބޭއްވިދާނެ. އިދާރީ ގޮންޖެހުންތަކަށް ވުރެ ބޮޑަށް ރައްޔިތުންނަށް ސާފުކޮށް އެނގިގެން އެކަން ކުރަން ވަގުތު ބޭނުންވާނެ، އީސީގެ ރައީސް މުހައްމަދު ޒާހިދު
ފާހަގަކޮށްލެވޭ ގޮތުގައި އިންތިޚާބުތަކާ ބެހޭ ގާނޫނުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ މާއްދާއެއް މިހާރަކު ނޯވެއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު -- ފޮޓޯޯ: މަޖިލިސް
މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި މެންބަރު ފަލާހު ފާހަގަކުރައްވާފައި ވަނީ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.
އާއްމު ވޯޓު ނެގޭނެ ކަންކަން
- ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަން
- ގައުމީ މުހިންމު މައްސަލަތައް
- ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ މާއްދާ
- ރައްޔިތުންގެ މަޖިލީހުގެ އުމުރު
- ރިޔާސަތުގެ ދައުރު
- ރައީސުލްޖުމްޙޫރިއްޔާ އިންތިޚާބުކުރާ ގޮތް
- ރައީސުލްޖުމްޙޫރިއްޔާ ބިލު ތަސްދީގުކުރުން
- ދިވެހިރާއްޖޭގެ ސަރަހައްދު
މި މަހުގެ ނުވަވަނަ ދުވަހު، މަޖިލީހުގެ 62 މެންބަރުންގެ އިއްތިފާގުން އެ ބިލު ވަނީ ބަލައިގެންފައެވެ. އެ ބިލުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވަކިވަކިން ތިން އިންތިޚާބު އޮތުމުން ޚަރަދު ބޮޑުވެ އެކަމުގެ ބުރަ ދައުލަތަށާއި، އިލެކްޝަންސް ކޮމިޝަނަށް އުފުލަން ޖެހުމުގެ ކަންބޮޑުވުމުގެ ވާހަކަ މީގެ ކުރިން ދެކެވިފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަމަށް ހުށަހެޅުއްވި ހައްލަކީ، ރިޔާސީ އިންތިޚާބު އެއްބުރުން ނިންމައިލުމާއި މަޖިލީހާއި ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމެވެ. އެ މަނިކުފާނު މަސައްކަތްކުރައްވަނީ އެ ބަދަލުތައް ގެންނަން މި އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާށެވެ.