ހިޖާމާ ޖެހުމުގެ ޚިދުމަތް ދޭ ފަޒީލާ އުސްމާނުގެ 'ފަޒީސް ހިޖާމާ ތެރަޕީ'ން، ހިޖާމާގެ އެންމެ ސެޝަނަކުން ތިން ކިލޯ ނުވަތަ ހަތަރު ކިލޯ ލުއިކޮށްދޭނެ ކަމަށް ބުނުމުން، ހެލްތު މިނިސްޓްރީން އެ މައްސަލަ ބެލުމަށް ފަހުގައި, އެފަދަ ގޮތްގޮތަށް އިސްތިހާރު ނުކުރަން އޭނާއަށް އަންގައިފިއެވެ.
މީގެ ކުރިން ވެސް ފަޒީލާގެ ގިނަ މައްސަލަތަކެއް ފެންމަތިވިއެވެ. އޭގެ ތެރޭގައި އެކިއެކި ބަލިތަކަށް ފަރުވާ ދޭ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކާއި ހުއްދަ ނުނަގައި ހިޖާމާ ޖެހުންފަދަ ކަންކަން ހިމެނެއެވެ. ފަހުން މިނިސްޓްރީން ވަނީ އޭނާއަށް ހިޖާމާ ޖެހުމުގެ ހުއްދަ ދީފައެވެ.
މިމަހުގެ ނުވަވަނަ ދުވަހު ފަޒީސް ހިޖާމާ ތެރަޕީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ހިޖާމާގެ އެންމެ ސެޝަނަކުން ތިން ކިލޯ ނުވަތަ ހަތަރު ކިލޯ ލުއިވާނެ ކަމަށާއި މީގެ ކުރިން އެ ސެޝަނަށް ނަގަނީ 1،000 ރުފިޔާ ނަމަވެސް، މިހާރު 500 ރުފިޔާއަށް އެ ސެޝަން ނަގައިދޭ ކަމަށެވެ.
އޭނާ މިގޮތަށް އިސްތިހާރު ކުރުމުން މިއީ އެއްވެސް ދިރާސާއަކުން ސާބިތު ވެފައިވާ ކަމެއް ނޫން ކަމަށް ބުނެ ގިނަ އަދަދެއްގެ އާއްމުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ހެލްތު މިނިސްޓްރީން މި މައްސަލަ ބަލަން ފެށިއެވެ.
މި މައްސަލައިގެ އަޕްޑޭޓަކާ ގުޅޭގޮތުން "ސަން"އިން ސުވާލު ކުރުމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިއްހީ ކަންކަން އިސްތިހާރު ކުރުމުގައި އަމަލު ކުރަން ޖެހޭ ޚާއްސަ އުސޫލުތަކެއް އޮންނަ ކަމަށާއި އެހެންކަމުން އެ އުސޫލާ ހިލާފަށް ހިޖާމާއިން ބަރުދަން ލުއިކޮށްދޭ ވާހަކަފަދަ ކަންކަން އިސްތިހާރު ނުކުރަން ފަޒީލާއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ.
އެ އެންގުމާ ހިލާފަށް އަމަލު ކުރާނަމަ އިތުރު ފިޔަވަޅު މިނިސްޓްރީން އަޅާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފަޒީލާ އެ ދުވަހު ކުރި އިސްތިހާރާއި ސިއްހީ ދިރާސާތަކާ މުޅިން ފުށުއަރައެވެ. އޭނާ ބުނެފައިވަނީ ހިޖާމާ ސެޝަނާއެކު ބަރުދަން ލުއިކުރަން ކަސްރަތު ކުރާކަށް ވެސް ކެއުން ވެސް ވަކި ގޮތަކަށް ބައްޓަން ކުރަން ނުޖެހޭނެ ކަމަށާއި، ހިޖާމާ ޖަހަން ޖެހޭނީ މަހަކު އެއް ފަހަރު ކަމަށް ޕޯސްޓުގައިވެއެވެ. އަދި ހިޖާމާ ޖެހުމަށް ފަހު އެންމެ ކިލޯއެއް ވެސް ލުއި ނުވާނަމަ ޚަރަދަށް ދިޔަ ފައިސާގެ އިތުރަށް ކްލިނިކުން 1،000 ރުފިޔާ ދޭނެ ކަމަށް ބުނެފައިވެއެވެ.
ސިއްހީ ދިރާސާތައް ދައްކާގޮތުން ބަރުދަން ލުއި ކުރުމަށް އެންމެ ރަނގަޅު ގޮތަކީ މިންހެޔޮކޮށް ކެއުމާއެކު ގަވާއިދުން ކަސްރަތު ކުރުމެވެ.