ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ބޭންކުތަކުން ދެނީ

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ، ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ދެވޭ ގޮތަށް ހަމަޖައްސަން ބޭންކުތަކުން އަންގަވައިފައިވާ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް، އެންސްޕާ މެދުވެރިކޮށް ދާ ބަލި މީހުންނަށް 2،000 ޑޮލަރާ ހަމައަށް ބޭންކުތަކުން ޑޮލަރު ލިބޭނެ ގޮތް އަންނަ މަހުން ފެށިގެން ހަމަޖައްސަން އަންގަވައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.

މިހާރު ވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ބޭންކު ރޭޓުގައި ބޭންކު މެދުވެރިކޮށް ޑޮލަރު ލިބެއެވެ.

އެއާއެކު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ މީހުންނަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މި ފެށޭ އޯގަސްޓު އެއްވަނަ ދުވަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް އަންގަވައިފައިވާ ކަމަށެވެ.

އަދި އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ މީހުންނަށް ވެސް އެ ދުވަހުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މިފަދައިން އެންގެވިކަން ހާމަކުރެއްވިއިރު، އާންމު ރައްޔިތުންނަށް ޑޮލަރު ހޯދުމުގައި ބޮޑު ތަކުލީފުތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އެގޮތުން އާންމުންގެ ބޭނުންތަކަށް އަދިވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުން ކަމަށްވާއިރު، މިހާރު ވަނީ ޑޮލަރެއްގެ އަގު 20 ރުފިޔާއިން މައްޗަށް ފަހަނައަޅައިފައެވެ.

އެހެންވެ ބޭންކު ރޭޓުގައި ޑޮލަރު ލިބުން ދަތިވުމުން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެއެވެ.

comment ކޮމެންޓް