ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނ. ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް މިއަދު ފައްޓަވައިދެއްވައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އާރްޓީއެލް ބަހުގެ ޚިދުމަތް ކެނދިކުޅުދޫގައި ރަސްމީކޮށް މިއަދު ފައްޓަވައިދެއްވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކެނދިކުޅުދޫގެ ސްކޫލް ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން އެމްޓީސީސީގެ ދެ ބަސް އެ ރަށަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހެވެ.
ރައީސް އޮފީހުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު މެންދުރުފަހު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް، އާރްޓީއެލް ބަހުގެ ޚިދުމަތް އެ ރަށުގައި އިފުތިތާހުކޮށްދެއްވި ކަމަށެވެ. އަދި އެ ޚިދުމަތުގެ މަގުސަދަކީ ރަށްވެހިންނަށް ދުވާލެއްގެ މައްޗަށް ދަތުރުފަތުރު ކުރުން ފަސޭހަކޮށް، ސްކޫލަށް ދާ ދަރިވަރުންނަށް އިތުބާރު ހުރި، ފަސޭހަ ދަތުރުފަތުރުގެ މަގު ފަހިކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށައިފި: އެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސް މުއިއްޒު -- ފޮޓޯ/ ރައީސް މުއިއްޒު
'ސަން' އާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަފޫ ހާމިދު މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވީ މީގެ ކުރިން ބަހުގެ ޚިދުމަތް ސްކޫލް ދަރިވަރުންނަށް ފޯރުކޮށްދެމުން ދަނީ ސްކޫލުން އަމިއްލައަށް ކަމަށެވެ. ނަމަވެސް އަވަސް އަވަހަށް މަރާމާތު ކުރަން ޖެހި، ދަރިވަރުންނަށް އެ ޚިދުމަތް ލިބުމުގައި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ކެނދިކުޅުދުއަށް ވެސް އެ ޚިދުމަތާއެކު މަންފާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސްކޫލް ދަރިވަރުންގެ އިތުރުން ރަށުގެ ރައްޔިތުންނަށް ވެސް ދެން ބަހުގެ ޚިދުމަތް ލިބޭނެއެވެ.
އާރްޓީއެލް ބަހުގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ރަށްތަކުގައި ލިބެއެވެ.
ރާއްޖޭގެ އެންމެ ދިގު ރަށްތަކުގެ ތެރޭގައި ހިމެނޭ ކެނދިކުޅުދޫގެ ދިގު މިނުގައި 4.9 ކިލޯމީޓަރު ހުރެއެވެ. ރާއްޖޭގެ އެންމެ ދިގު ރަށް ކަމަށްވާ ލ. ގަމުގެ ދިގުމިނުގައި ހުންނަނީ 7.8 ކިލޯމީޓަރެވެ.