އިންޑިއާގެ ނާއިބު ރައީސް ޖަގްދީޕް ދަންކަރް މަގާމުން އިސްތިއުފާ ދެއްވުމަށް އިއްޔެ ހުށަހަޅައިފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ ސިއްޙީ ފަރުވާއަށް އިސްކަންދެއްވުމުގެ ގޮތުންނެވެ. އިސްތިއުފާ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިންނެވެ.
ޖަގްދީޕް އިންޑިއާގެ ރައީސް ދުުރުޕަތީ މުރުމުރަށް ފޮނުއްވި ސިޓީފުޅެއްގައި އޭނާގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ، ބޮޑުވަޒީރު، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
"ސިއްޙީ ފަރުވާއަށް އިސްކަންދީ، ސިއްޙި ލަފާއަށް ތަބާވުމަށްޓަކައި، ގާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ކ) އާ އެއްގޮތަށް، އިންޑިއާގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެން." އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މާރިޗު މަހު އޭނާ ވަނީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައި އެޑްމިޓްކޮށްގެން ވެސް ފަރުވާދީފައެވެ. އެ ފަހަރު ފަރުވާ ދިނީ 'ކާޑިއެކް'އާ ގުޅޭ ކަމެއްގައި ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އޭގެ ފަހުން މިދިޔަ މަހު ގޯލްޑަން ޖުބިލީ ފާހަގަކުރަނިކޮށް ވެސް އޭނާ ހޭނަތިގެން ފަރުވާ ދީފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާގެ ނައިބު ރައީސްގެ މަގާމުގައި 2022 ވަނަ އަހަރުން ފެށިގެން ހުންނެވި ޖަގްދީޕް އޭގެ ކުރިން ވަނީ ވެސްޓް ބެންގަލްގެ ގަވަރުނަރުގެ މަގާމު އަދާކުރައްވާފައެވެ.
އުމުރުފުޅުން 74 އަހަރުގެ ޖަގްދީޕްގެ ދައުރު ހަމަވާނީ 2027 ވަނަ އަހަރެވެ.
އިންޑިއާގެ މަތިގެ، ރާޖަ ސަބާގެ ޗެއަމަންކަން ކުރައްވަނީ ވެސް އޭނާއެވެ.
ޖަގްދީޕަކީ އިންޑިއާގެ ރާޖިސްތާނުގެ ކުޑަ އަވަށެއް ކަމަށްވާ ކިތާނާގެ ދަނޑުވެރިއެއްގެ އާއިލާއަކަށް އުފަންވެވަޑައިގެންފައިވާ ބޭފުޅެކެވެ.
އޭނާއަކީ ވަރަށް ގާބިލު، އަޒުމާއި ހިތްވަރު ވަރަށް ގަދަ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ބޭފުޅެކެވެ. ސިޔާސީ މައިދާނަށް ވަދެވަޑައިގަތުމުގެ ކުރިން ޖަގްދީޕަކީ ވަކީލެކެވެ.