ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅުވައި އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ކުރިން ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ހަދަން މަޝްވަރާކުރަމުން އަންނަ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހު 25 އިން 26 އަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ އިތުރުން އިންވެސްޓްމަންޓް ޓްރީޓީއެއް ހަދަން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އެކަމަކު، އެ އެއްބަސްވުމާ ގުޅޭ އެއްވެސް އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ވިކްރަމް މިސްރީ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކޮށް، އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރަން ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
"މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ބޮޑުވަޒީރު މޯދީ،" އޭނާ ވިދާޅުވި ކަމަށް އެ ގައުމުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާއިން ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ހުށަހެޅި ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މޭ 25، 2024 ގައެވެ. އެކަމަކު، އެ މަހު 31 ގައި އިންޑިއާއިން ވަނީ އެކަން ދޮގުކޮށްފައެވެ. އެ ގައުމުން އޭރު ބުނީ، އެ ފަދަ ހުށަހެޅުމެއް ހުށަހަޅާފައިނުވާނެ ކަމަށެވެ. އެކަމަކު، ރާއްޖޭން ބޭނުންވާނަމަ އެ ފަދަ އެއްބަސްވުމެއް ހެދުމާ މެދު ވިސްނާނެ ކަމަށް އެ ގައުމުން އޭރު ބުންޏެވެ.
އޭގެ ފަހުން މި އަހަރުގެ ފެބްރުވަރީ މަހު ސައީދު ވަނީ މިދިޔަ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ލީޑަރުން ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ވިދާޅުވެފައެވެ.
އޭރު ސައީދު ވަނީ ދުނިޔޭގެ ބޮޑެތި ބާޒާރުތަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމުގައި ވިދާޅުވެފައެވެ. އެކަން ކުރާނީ ދިވެހީންނަށް އެންމެ ފުރިހަމަ ފައިދާ ލިބޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން ވަނީ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދައިފައެވެ. ނަމަވެސް، ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އެ އެއްބަސްވުމަށް ފާޑުކިޔައި، އެއްބަސްވުން އޮތް ގޮތުން އަމަލުނުކުރާނެ ކަމަށް ބުންޏެވެ.
ނަމަވެސް، ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެއްބަސްވުމަކީ ދެ ގައުމުގެ ގާތް ގުޅުމުގެ ރަމުޒެއް ކަމަށާއި އެއަށް އަމަލުކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ. އެ އެއްބަސްވުމަށް އަމަލުކުރަން ފެށީ މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އެކަމަކު، އެ އެއްބަސްވުމުން ފައިދާނުވާ ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެގޮތުން، ރާއްޖެއަށް އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ މިދިޔަ އަހަރަށްވުރެ ދަށްވީ ވެސް އެހެންވެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުން އެކަން ދޮގުކުރެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ އިދިކޮޅުގައި ތިއްބެވިއިރު ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނާ އެކުގައެވެ. އެއީ، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން ގޮވާލައި އޭރުގެ ޕީޕީއެމުން އިސްވެ އޮވެ ހިންގި ހަރަކާތެކެވެ. އެ ފަހުން، މި ސަރުކާރު އައި ފަހުން ނައިބު ވަޒީރު ފެންވަރުގައި ތިއްބެވި ތިން ބޭފުޅަކު ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުން ދެ ގައުމުގެ ގުޅުން ކުރިން ނުވާވަރަށް ހީނަރުވިއެވެ.
ރައީސް މުއިއްޒު ވެސް ވަނީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު އިންޑިއާއަށް ނިސްބަތްވާ ފަދަ މޭރުމަކުން ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެފައެވެ. އެ ގޮތުން، ބޮޑު ގައުމަކަށް ވުމަކީ ކުދި ގައުމުތައް ބުލީ ކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވަނީ ބުލީއެއް ބިލިއަނުން އެހީނުވާނެ ކަމަށް ވިދާޅުވެ، ރައްދު ދެއްވައިފައެވެ.
އެކަމަކު، ފަހުން މިދިޔަ އަހަރުގެ ޖޫން މަހު މޯދީ ތިންވަނަ ދައުރަކަށް ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގަތެވެ. އޮކްޓޫބަރު މަހު ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ. އޭގެ ފަހުން ދެ ގައުމުގެ ގުޅުން އަންނަނީ ރަނގަޅުވަމުންނެވެ.
ތިންވަނަ ފަހަރަށް މޯދީ ރާއްޖެ ވަޑައިގަންނަވާކަން އިއުލާނުކުރެއްވީ ދެ ގައުމުގެ ގުޅުން ރަނގަޅުވާ ކަމަށް ދެ ގައުމުން ވެސް ބުނެފައިވަނިކޮށެވެ.