އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ޔޫރޭނިއަމް މުއްސަނދިކުރުން ހިމެނޭ ނިއުކްލިއާ ޕްރޮގްރާމް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އިއްޔެ ވިދާޅުވެއްޖެއެވެ.
އަރަގްޗީ އެގޮތަށް ވިދާޅުވެފައިވަނީ ފޮކްސް ނިއުސްއިން ގެނެސްދިން ޝޯއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން، ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން ކުރިއަށް އޮތް ތަނުގައި ކުރާ ކޮންމެ މަޝްވަރާއެއްގައި ވެސް ޔޫރޭނިއަމް އުފެއްދުމުގެ މަސައްކަތް އެ ގޮތުގައި ބޭއްވުމަށް ޝަރުތުކުރާނެ އަރަގްޗީ ވަނީ ވިދާޅުވެފައެވެ.
"ޔުރޭނިއަން މުއްސަނދުކުރުން މި ވަގުތަށް ވަނީ ހުއްޓިފައި. ތެދެއް. އެއީ ލިބުނު ގެއްލުން ބޮޑުވެފައި ސީރިއަސްކަމުން،"
"ނަމަވެސް ހަމަ ޔަގީނުން ވެސް ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ދޫކޮށެއްނުލެވޭނެ. އެއީ، އަޅުގަނޑުމެންގެ އަމިއްލަ ސައިންސްވެރިންގެ ކާމިޔާބީއަކަށް ވާތީ. އެއީ ގައުމީ ފަޚުރެއް،" ފޮކްސް ނިއުސްގެ ޝޯއެއްގައި އަރަގްޗީ ވިދާޅުވިއެވެ.
އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން މުއްސަނދިކުރެވިފައިވާ އެއްވެސް ޔުރޭނިއަމެއް ރައްކާކުރެވިފައިވޭތޯ، ސުވާލުކުރުމުން އަރަގްޗީ ވިދާޅުވީ، އެކަމާގުޅޭ ތަފުސީލީ މައުލޫމާތެއް އެގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން އަންނަނީ ނިއްކްލިއާ މެޓީރިއަލްތަކަށް ވީގޮތެއް ދެނެގަތުމުގެ މަސައްކަތްކުރަމުން ކަމަށް އެނާ ވިދާޅުވިއެވެ.
އިސްރާއީލުން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށް ޖޫން މަހު ދިން އަސްކަރީ ހަމަލާއަށް އެހީތެރިވުމުގެ ގޮތުން ޖޫން 22 ވަނަ ދުވަހު އީރާނުގެ ތިން ނިއުކްލިއާ މަރުކަޒަކަށް އެމެރިކާއިން ވަނީ ބޮން އަޅާފައެވެ. އޭގެ ތެރޭގައި ތެހެރާންގެ ދެކުނުގައި ބިމުގެ އަޑީގައި ހުންނަ ޔޫރޭނިއަމް މުއްސަނދިކުރާ މަރުކަޒު، ފޯޑޯ ވެސް ހިމެނެއެވެ.
ނިއުކްލިއާ ޕްރޮގްރާމް ނުހުއްޓާނެ ކަމަށް އަރަގްޗީ ވިދާޅުވެފައިވާއިރު، އީރާނުގެ ނިއުކްލިއާ ޕްރޮގްރަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ޔޫރަޕްގެ ގައުމުތަކާ އެކު ބައްދަލުވުން ބާއްވަން އޮތީ ތައްޔާރުވެފައެވެ.
އެގޮތުން އަންނަ ހުކުރު ދުވަހު އިސްތަންބޫލުގައި އިނގިރޭސިވިލާތާއި ފްރާންސް އަދި ޖަރުމަނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، އީރާނުން ވަނީ ޔޫރަޕްގެ ބާރުތަކުން 2015 ވަނަ އަހަރުގެ މުހިންމު ނިއުކްލިއާ އެއްބަސްވުމެއް އުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.