ރާއްޖޭގައި ވެސް އާންމުކޮށް ހައްދާ ހިތި ފަތް ނުވަތަ (ނީމް)އަކީ ސިއްހީ ގޮތުން ދިމާވާ ވަރަށް ގިނަ ބަލިތަކަށް ފަރުވާ ހޯދުމަށް ޒަމާނުއްސުރެ ބޭނުންކުރާ ބާވަތެކެވެ.
އަވަށްޓެރި ޤައުމުތައް ކަމަށްވާ އިންޑިއާ އަދި ސްރީލަންކާ ފަދަ ޤައުމުތަކުގައި ވަރަށް ގިނަ އަދަދަކަށް ހިތި ފަތް ގަސް ހައްދާއިރު އެ ޤައުމުތަކުގެ ގަދީމީ ބޭސްވެރިކަމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ބާވަތަކީ ހިތިފަތެކެވެ.
މި ފަތަކީ ދިވެހި ބޭސްވެރިކަމުގައި ވެސް އެންމެ މުހިއްމު އެއް ބާވަތެވެ.
ހިތި ފަތް ގަހުގެ ގިނަ ބާވަތްތައް އަޔުވެރިޑިކް ބޭސްވެރިކަމަށް ބޭނުންކުރާއިރު އޭގެތެރޭގައި ހިތި ފަތް ގަހުގެ ގޮފި، ލަކުޑި، އެ ގަހުގެ މާ، އެ ގަހުގެ މޭވާ އަދި އެ ގަހުގެ އޮށްތައް ހިމެނެއެވެ. ހަމައެއާއެކު ހިތި ފަތް ގަހުގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާ ތެލަކީ ވެސް ވަރަށް ގިނަ ބަޔަކު އެކި ބޭނުންތަކަށް ބޭނުންކުރަމުން އަންނަ ބާވަތެކެވެ.

ހިތިފަތަކީ ސިއްހީ ގޮތުން ދިމާވާ ވަރަށް ގިނަ ބަލިތަކަށް ފަރުވާ ހޯދުމަށް ބޭނުންކުރާ ބާވަތެއް -- ޕިންޓްރެސްޓް
ވޯލްޑެން ޔުނިވާސިޓީގައި ދިގު މުއްދަތެއް ވަންދެން ނަރުހުން ތަމްރީނު ކުރުމުގެ މަސައްކަތް ކޮށްފައިވާ ޑރ.ޑެބްރާ ސުލިވަން ބުނެފައިވާ ގޮތުގައި ހިތި ފަތަކީ ހަމުގެ އެކި އެކި ބަލިތަކަށް ވެސް ފަރުވާ ހޯދުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.
އޭގެތެރޭގައި އެގްޒިމާ، އެކްނޭ، އިމްޕެޓިގޯ، ޗިކަން ޕޮކްސް، ސޮރިއަސިސް އަދި ހަންގަނޑު ކެހުން ހިމެނެއެވެ. ހަމައެއާއެކު ހަމުގައި ނަގާފައިވާ ފާރުތައް ރަނގަޅުކޮށްދީ ހަމުގައި އުފެދޭ އެކި ކަހަލަ އިންފެކްޝަންތައް ރަނގަޅުކޮށްދިނުމަށް ވެސް ހިތި ފަތް ބޭނުންކުރެވޭ ކަމަށް ޑރ.ޑެބްރާ ސުލިވަން ވަނީ ބުނެފައެވެ.
އާއްމުކޮށް ދިވެހިންގެތެރޭ ހިތި ފަތް މަޝްހޫރުވެފައި އޮންނަނީ ފާނަބަސަންދު ނުވަތަ ޗިކަން ޕޮކްސްއަށް ވަރަށް ރަނގަޅު ފަރުވާއެއްގެ ގޮތުގައެވެ.
ހިތި ފަތަކީ ބޮލުގައި ހަންފޮޅޭ ނަމަ އެކަމަށް ލުޔެއް ހޯދުމަށް ވެސް ބޭނުން ކުރެވިދާނެ ބާވަތެކެވެ. ހަމައެއާއެކު އަނގައިގެ ދުޅަހެޔޮކަން އިތުރުކުރުމަށް ވެސް މިއީ ވަރަށް ރަނގަޅު ބާވަތެއް ކަމަށް 2020ވަނަ އަހަރު މެޓާ އެނަލައިސިސްއިން ނެރުނު ރިވިއު ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފައެވެ.
ހިތި ފަތް ބޭނުންކޮށްގެން ސިއްހީ ކަންކަމަށް ފަރުވާ ހޯދާއިރު މި ފަތަށް އެލާޖިކްވާ މީހެއްނަމަ މި ފަތް ބޭނުންކުރުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް ޑރ.ޑެބްރާ ސުލިވަން ވަނީ ބުނެފައެވެ. ހިތި ފަތް އަދި އެ ގަހުގެ ބާވަތްތައް ބޭނުންކުރުމުގެ ކުރިން އެލާޖިކް ޓެސްޓެއް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޑރ.ޑެބްރާ ސުލިވަން މިކަމާ ގުޅޭގޮތުން ލިޔެފައިވާ ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފައެވެ.