އީރާނުން ފަޒާގެ ރޮކެޓެއް ކާމިޔާބު ކަމާއެކު ތަޖުރިބާކޮށްފި

އީރާނުން އިއްޔެ ޖައްވަށް ފޮނުވާލި ރޮކެޓްގެ އިމޭޖެއް

ތެހެރާން (22 ޖުލައި 2025) : ފަޒާއަށް ސެޓަލައިޓް ފޮނުވުމަށް އީރާން ބޭނުންކުރާ ކެރިއާ ރޮކެޓެއް ކަމަށްވާ "ގާސިދު" އަށް ބައެއް ޓެކްނިކަލް ބަދަލުތައް ގެނަސް އަޕްގްރޭޑް ކުރުމަށްފަހު އެރޮކެޓް އިއްޔެ ކާމިޔަބުކަމާއެކު ޖައްވަށް ފޮނުވާލައިފިއެވެ.

އީރާނުގެ ފަޒާއާބެހޭ އިދާރާ ބުނާގޮތުން މިއީ މިހާތަނަށް އެ ގައުމުން ޖައްވަށް ފޮނުވާފައިވާ ސެޓަލައިޓްތަކަށް ވުރެ ބޮޑެތި އަދި ބަރުދަންބޮޑު ސެޓަލައިޓް ފޮނުވުމަށާއި އެއް ރޮކެޓްގައި ގިނަ ސެޓަލައިޓްތަކެއް ފޮނުވުމަށް ކުރި ތަޖުރިބާ އެކެވެ. މީގެކުރިން އީރާންވަނީ އެއް ރޮކެޓްގައި ތިން ސެޓަލައިޓް ވެސް ޖައްވަށް ފޮނުވާފައެވެ.

އީރާނުގެ ފަޒާއާބެހޭ އިދާރާ ބުނާގޮތުން އިއްޔެ ކުރި މި ތަޖުރިބާގެ އަނެއް ބޭނުމަކީ މިހާރު ތަރައްގީ ކުރަމުންގެންދާ ބައެއް އައު ޓެކްނޮލޮޖީތަކުގެ ފެންވަރު ވަޒަން ކޮށްލުމެވެ. އިއްޔެ ޖައްވަށް ފޮނުވާލި މި ރޮކެޓްގެ ތަޖުރިބާ ވަރަށް ކާމިޔާބު ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.

އީރާނަކީ އެމެރިކާއާއި ޔޫރަޕުން އެ ގައުމާ ދެކޮޅަށް އިގްތިސާދީ ގޮތުންނާއި މާލީ އަދި ޓެކްނޮލޮޖީގެ ގޮތުން ވަރަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް އަމިއްލަ މަސައްކަތުން ފަޒާގެ ޓެކްނޮލޮޖީ ތަރައްގީ ކޮށްފައިވާ ގައުމެކެވެ.

އީރާނުން އަމިއްލައަށް ސެޓަލައިޓް އުފެއްދުމުގެ އިތުރުން ސެޓަލައިޓް ޖައްވަށް ފޮނުވާ ރޮކެޓްތައް އުފައްދައި ސެޓަލައިޓް ފޮނުވުމުގެ ޓެކްނޮލޮޖީ ވެސް ވަނީ ތަރައްގީ ކޮށްފައެވެ. އަމިއްލަ ޓެކްނޮލޮޖީގައި ސެޓަލައިޓް ފޮނުވުމަށް ތިން ބާވަތެއްގެ ރޮކެޓް އީރާނުން ވަނީ އުފައްދާފައެވެ.

އީރާނުން މިދިޔަ އަހަރު ޖައްވަށް ސެޓަލައިޓް އެއް ފޮނުވުމަށް ރޮކެޓެއް އުދުއްސާލަނީ (ފައިލް ފޮޓޯ(

އީރާނުން ފަޒާގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި އެ ގައުމުގެ އަމިއްލަ ކުންފުނިތަކުގެ ދައުރުވެސް ވަރަށް ބޮޑެވެ. މިއަހަރު ކުރީކޮޅު އީރާނުގެ އަމިއްލަ ކުންފުންޏަކުން އުފެއްދި ސެޓަލައިޓެއް ރަޝިއާގެ ރޮކެޓްގެ އެހީގައި އެ ކުންފުނިން ވަނީ ޖައްވަށް ފޮނުވާފައެވެ.

މިދިޔަ ސެޕްޓެމްބަރުމަހު އީރާނުން ފަޒާގެ މަތީ ފަށަލައަށް ނުވަތަ އަޕާ އެޓްމޮސްފިޔާއަށް ކާމިޔާބު ކަމާއެކު ފޮނުވި ސެޓަލައިޓަކީވެސް އެ ގައުމުގެ ޕްރައިވެޓް ކުންފުންޏަކުން އުފެއްދި ސެޓްލައިޓްއެކެވެ.

"ޖަމްރާން-1" ގެ ނަމުން ނަންދީފައިވާ އެ ސެޓަލައިޓް ފޮނުވާލާފައިވަނީ އީރާން އަމިއްލައަށް އުފައްދާފައިވާ ސްޕޭސް ރޮކެޓެއްކަމަށްވާ "ގާއިމް-110" ބޭނުން ކޮށްގެންނެވެ. މިއީ ސޮލިޑް ފިއުލް ބޭނުންކުރާ ގޮތަށް ފަރުމާކޮށްފައިވާ ބިޔަ ރޮކެޓެކެވެ.

"ޖަމްރާން-1" އުފައްދާފައިވަނީ ފަޒާގެ ޓެކްނޮލޮޖީ ތަރައްގީ ކުރާ އީރާނުގެ ޕްރައިވެޓް ކުންފުންޏެއްކަމަށްވާ "އީރާނިއަން ސްޕޭސް އިލެކްޓްރިކަލް އިންޑަސްޓްރީސް ގްރޫޕް" (ސައިރާން) އިންނެވެ. މިއީ ފަޒާގެ ދާއިރާގެ ޓެކްނޮލޮޖީ ތަރައްގީ ކުރަން މަސައްކަތްކުރާ އީރާނުގެ ޕްރައިވެޓް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ކުންފުންޏެކެވެ.

"ސައިރާން" އިން މި ސެޓަލައިޓް އުފައްދައި އީރާން ސަރުކާރުގެ އޯޑަރަށެވެ. އީރާން ސަރުކާރުން ދީފައިވާ ސްޕެސިފިކޭޝަންސް ތަކާ އެއްގޮތަށެވެ. އީރާން ސަރުކާރުގެ ސްޕެސިފިކެޝަންތަކާ އެއްގޮތަށް ޕްރައިވެޓް ކުންފުނިން އުފެއްދި އެސެޓަލައިޓް އީރާން ސަރުކާރުން ގަތީއެވެ.

އީރާނުގެ ސަރުކާރުންވަނީ ހަތިޔާރުގެ ދާއިރާއާއި ފަޒާގެ ދާއިރާގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އެ ގައުމުގެ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކަށް ބޮޑު ފުރުސަތުތަކެއް ދީފައެވެ. "އީރާނުގެ ޖައްވީ އިދާރާ ބުނެފައިވާގޮތުން ޖަމްރާން-1" ސެޓަލައިޓް ގެ މިޝަންގެ ބޭނުމަކީ އޯބިޓަލް މެނޫވަރިން ޓެކްނޮލޮޖީ ގެ ހާޑްވެއާއާއި ސޮފްޓްވެއާ ސިސްޓަމްތަކުގެ އެލްޓިޓިއުޑް ސާބިތު ކުރުމެވެ. މީގެ އިތުރުން ފަޒާގެ އެކިއެކި ރީސާޗްތަކަށް ބޭނުންވާ މައުލޫމާތު ހޯދުމެވެ.

މިއީ އީރާނުން ޖައްވަށް ފޮނުވި ހަތް ވަނަ ސެޓަލައިޓެވެ. އީރާނުން ވަނީ ތިން ސެޓަލައިޓް އެއްރޮކެޓެއްގައި ޖައްވަށް ފޮނުވުމުގައި ވެސް ކާމިޔާބު ހޯދާފައެވެ. އީރާނަކީ އިސްލާމީ ގައުމުތަކުގެ ތެރެއިން އަމިއްލަ ރޮކެޓްގައި ޖައްވަށް ސެޓަލައިޓް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި ގައުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް