ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ފައިސާ ލަސްވުމާއި އިތުރު މައްސަލަތަކާ ގުޅޭ ގޮތުން ވެސް ދަރިވަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މި އަހަރު ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްޓޫޑެންޓް ލޯން ސްކީމްގެ 500 ފުރުސަތަކަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މާރިޗް މަހުގެ 29 ވަނަ ދުވަހެވެ.
ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އޭޕްރީލް 30 ވަނަ ދުވަހަށް ހަމަވިއިރު 1338 ދަރިވަރުން ވަނީ ލޯނަށް އެދި ހުށައަޅާފައެވެ. އޭގެތެރެއިން ލޯނަށް ޝަރުތު ހަމަވެފައިވަނީ 806 ދަރިވަރުންނެވެ. އޭގެތެރެއިން ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އެ މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.
ހަޔާ އެޑިއުކޭޝަން ބުނެފައިވަނީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ދަރިވަރުންނަށް މިނިސްޓްރީގެ އީ.މެއިލްއަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީން އުގެނުމަށް ލޯނަށް އެދި ހުށަހަޅާ ނިސްބަތް އިތުރުވަމުން އަންނަ އިރު، ބައެއް ދާއިރާތަކުން ލޯނަށް އެދޭ މިންވަރު އިތުރެވެ. އެހެންވެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތައް ދެނެގެން ވަޒީފާގެ ފުރުސަތުތައް ހުރި ދާއިރާތަކަށް އިސްކަން ދިނުމަށް ދަރިވަރުންނަށް މީގެ ކުރިން އިލްތިމާސް ކޮށްފައެވެ.
މި އަހަރުގެ ކުރީކޮޅު ސްޕެއިންގައި ޕައިލެޓްކަން ކިޔަވަމުން ދިޔަ ދަރިވަރުންތަކެއް ވަނީ މާލީ ގޮތުން ދަތިތަކެއް ދިމާވާތީ އެހީއަށް އެދި ސިޓީ މެދުވެރިކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައެވެ.
މިދިޔަ ފެބްރުވަރީ މަހު ފޮނުވި އެ ސިޓީގައި ފާހަގަކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި ތިން މައްސަލައެކެވެ. އެއީ ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި އެކަމަށް އިތުރަށް ދާ ޚަރަދު، ދަރިވަރުންނަށް އެކަށީގެންވާ އަދަދެއްގެ ސްޓައިޕެންޑެއް ނުލިބި އަމިއްލައަށް ޚަރަދު ކުރަން ޖެހުން އަދި ކޯހުގައި ހޭދަވާ މުއްދަތު، ލޯނު ދޭ މުއްދަތަށް ވުރެ އިތުރުވުމެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ދަރިވަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ސިޓީ ފޮނުވިތާ ދެ މަސް ފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު، ވީޑިއޯ ކޯލް މެދުވެރިކޮށް ދަރިވަރުންނާ ބައްދަލުކޮށް، ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ ފަހުން މިހާރު ދެ މަސް ވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވަނީ މައްސަލަ އަދިވެސް ހައްލުނުވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންތަކަކަށް ލޯން ފައިސާ ނުލިބުމުގެ ސަބަބުން ބައެއް ދަރިވަރުންނަށް ކޯސް ފީ ނުދެއްކޭތީ، ކޯހުން ވަކިކޮށްފައިވާ ކަމަށް ކުޑޫ ވިދާޅުވެފައިވެއެވެ.