ތިޔަ ކުރަނީ ފުރައްސާރައާއި މަލާމާތްހެއްޔެވެ؟

ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އާޑަކިޔުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް މަނާކުރައްވައި ނަހީކުރައްވައިފައި އޮތް ކަމެކެވެ. އެހެނަސް ހިތާމައަކީ ދިވެހި މުޖުތަމަޢިން ވެސް އެ ނުބައި ވަބާ ފެންނާން އޮތް ކަމެވެ. ހަމައެކަނި ފެންނާން އޮތީއެއް ނޫނެވެ. އެ ކަމުގައި މީސްތަކުން ކުރިއަރައި ވެސް ދިޔައީއެވެ. ހިތާމަކުރުން ޙައްޤު މިންވަރަށެވެ.

ދިވެހި މުޖުތަމަޢުގައި ޣީބަބުނެ ފުރައްސާރަކުރުމަކީ އެނގިގެންނާއި ނޭނގި މީހުންގެ ކިބައިގައި ހަރުލާފައި އޮތް އާދައަކަށް ވެއްޖެއެވެ. ކިރިޔާ ވެސް ތިމާ ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެއްޔާ އެންމެ ފަސޭހައިން ކުރާ ކަމަކަށް ވެފައި އޮންނަނީ، އޭނާ ރުޅިއަރާ މީހާގެ މަސް، މުޅަކޮށް ކައިލުމެވެ. ނޫނީ އޭނާއަށް ދިމާލަށް ދޮގާއި ބުހުތާނު އުކައި ހަމަލާދިނުމެވެ. އެހެންނޫނީ އިވޭ ހިސާބާއި ނުއިވޭ ހިސާބު ދުރުގައި ވެސް އާޑަކިޔައި ފުރައްސާރަކުރުމެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ! ދަންނަންވީ ޙަޤީޤަތަކީ އަޅުގަނޑުމެން އެންމެންނަކީ ވެސް މުސްލިމުންކަމެވެ. މުސްލިމުންނަކީ މާތް ﷲ އެންގެވި ގޮތަށް އެބައިމީހުންގެ އުޅުމާއި ގުޅުންތައް ބައްޓަން ކުރާންޖެހޭ ބައެކެވެ. އެ ގޮތްތަކަކީ ދީނުގެފަރާތުން އަންގަވައިފައި އޮތް ގޮތްތަކެވެ. ކީރިތި ޤުރުއާނުން ބުނެއްދެއްވި އަޚުލާޤެވެ. އެ އެންގެވުންތައް ތަންފީޒުކުރެއްވި ނަބިއްޔާ ދެއްކެވި ފުރިހަމަ ނަމޫނާއެވެ.

އިންސާނުންގެ ތެރޭ މުސްލިމުން އުޅޭއިރު އެބައިމީހުންގެ ތެރޭގައި މި ދެއްނެވި އަޚުލާޤު ހިފެހެއްޓުމަކީ ކޮންމެހެން ވެސް އޮންނަން ޖެހޭނެ ކަމެކެވެ. އާންމު އެހެން މީހުންނާ ޚިލާފަށް ﷲއަށް އީމާން ވާ މީހާގެ ކިބައިގައި ރިވެތި އަޚުލާޤު ތަންފީޒުކުރުމުގެ ބާރު ހުންނަން ވާނެއެވެ. އެ ގޮތުން މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ތަބާވުމަކީ ދީނީ ހަމަތަކުގެ މަތިން އަޚުލާޤު ހިފެހެއްޓުމަށް ކުރެވިދާނެ އެންމެ މުހިންމު ކަންތަކެވެ. އެ ކަމަށް ކީރިތި ޤުރުއާނުގައި ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ.

ކަން މިހެން އޮތްއިރު އިސްލާމީ ދިރިއުޅުމެއް އުޅެން މަސައްކަތްކުރާ ކޮންމެ މީހަކަށް އޮތީ ކީރިތި ޤުރުއާނުން ފިލާވަޅު ލިބިގަތުމެވެ. އޭނާގެ ޙަޔާތުގައި އެ ފިލާވަޅުތައް ތަންފީޒުކުރުމެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެ ކަން ތަންފީޒުކުރެއްވި ގޮތް ބަލައި ހޯދައި އިތުރު އެކަލޭގެފާނުގެ ޢަމަލީ ނަމޫނާއިން ނަމޫނާ ލިބިގަނެ އެ ގޮތުގައި އެ މީހެއްގެ ޙަޔާތް ބާއްޖަވެރިކުރުމެވެ.

މި ދެންނެވި މަގުން ﷲގެ ރަސޫލާއަށް ތަބާވެ އެކަލޭގެފާނުގެ ސުންނަތަށް އުޅެން މަސައްކަތްކުރާ މީހުންނަށް މުޖުތަމަޢުގައި ކުރާ ފުރައްސާރައިގެ ވާހަކައަކީ ވެސް މި މައުޟޫޢޫގައި ބަލައިލަން ރަނގަޅުކަމެކެވެ. ވަކީން ޚާއްޞަކޮށް ފުރާވަރުގެ ޒުވާނުންނަށް މި ކަމުން ލިބޭ މަލާމާތަކީ ހަމައެކަނި މި ޒަމާނުގައި ކުރާ ކަމެއް ނޫނެވެ. މިއަދާއި އިއްޔެގައި ވެސް އެފަދަ ހަމަލާތަކުން މީހުން ސަލާމަތްވެފައެއް ނެތެވެ. ސުންނަތަށް އުޅެން މަސައްކަތްކުރާ މީހަކާ ދިމާލަށް އާޑަކިޔައި ފުރައްސާރަކުރުމަކީ ނުސީދާކޮށް صَلَّىٰ اللّٰهُ عَلَيْهِ وَسَلَّمގެ ސުންނަތަށް ފާޑުކިޔުމެވެ. މި ކަމަކީ އޭގެ ޒާތުގައި ވަރަށް ނުރައްކާތެރި ބިރުވެރި މައްސަލައެކެވެ. އެއީ އެނގިގެން ކުރާ ކަމެއްވިއްޔާ އެ މީހަކު ދީނުން ބޭރުވާނެކަން ވެސް ދަންނަންވާނެއެވެ. މުސްލިމުންނަށާއި މުއުމިނުންނަށް އުދަނގޫ ކުރުމާއި ފުރައްސާރަކުރުން ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّمގެ ޙަދީޘްފުޅުތަކުން ވަރަށް ބޮޑަށް ނަހީކުރައްވައި މަނާ ކުރައްވައިފައި ވެއެވެ.

ހަޔާތުގެ ކުރީ ކޮޅު ދީނާ ތަންކޮޅެއް ދުރުގައި އުޅުނު މީހަކު ދީނަށް ލޯބި ޖެހި، އޭނާގެ މާޒީއާމެދު ހިތާމަކޮށް ތައުބާ ވެދާނެއެވެ. މާތް ﷲގެ ރަޙުމަތަށް އެދި އޭނާ މަސައްކަތް ފަށާފާނެއެވެ. އިސްލާމްދީނުގައި އޮތްގޮތް ބަލައި އޮޅުން ފިލުވައި އެ ގޮތަށް އޭނާގެ ދިރިއުޅުން އަނބުރައިލައިފާނެއެވެ. އިންސާނިއްޔަތަށް ނަމޫނާއަކަށް ފޮނުއްވި މާތް ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّمގެ ސުންނަތާ އެއްގޮތަށް އުޅެން މަސައްކަތް ކުރަން ފެށުމުން އެ މީހަކަށް މަލާމާތް ރައްދުކުރުން ވާނީ ވަރަށް ގޯސް ކަމަކަށެވެ. މި ފަދަ ކަންކަމުގައި އާޑަކިޔުމަކީ ޝައިޠާނާއަށް ދެވޭ މަދަދެކެވެ. އެ ކަމާ އެންމެ އުފާވާނީ ޝައިޠާނާއެވެ. އެ ކަމުގެ ގެއްލުމާއި ހަލާކު އޮތީ އާޑަކިޔައި ފުރައްސާރަކުރާ މީހާއަށެވެ.

މާތް ﷲގެ މަގުގައި ސީދަލަށް ހިނގަން މަސައްކަތްކުރާ މީހަކީ މާތް ﷲގެ ވަލީވެރިއެކެވެ. އެފަދަ މީހާއާ ދެކޮޅުވެރިވުމަކީ މާތް ﷲއާ ދެކޮޅުވެރިވުން ކަމުގައި މާތް ﷲ ވަނީ ޤުދުސިއްޔަ ޙަދީޘްފުޅެއްގައި ވަޙީކުރައްވައިފައެވެ. މާތް ﷲއާ ޢަދާވާތްތެރިވެއްޖެ ކޮންމެ މީހަކީ ބަލިކަށިވެ ނިކަމެތިވާނޭ މީހެކެވެ.

ދީނީ ކަންކަމާ ދުރުގައި އުޅެފައި ފަހުން އެ ކަމާ ދެރަވެ ތައުބާވެ، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކޮށް، އޭނާގެ ކިބައިގައި ދީނީ ކުލަޖެހެން ފަށާ މީހާއަށް ހިތްވަރުދޭށެވެ. އޭނާ އެއީ ދީނުގައި ހައްދުފަހަނައަޅައިދާ މީހެއް ކަމަށް ސިފަނުކުރާށެވެ. ދީނީ މަޢުލޫމާތު ލިބެމުން އަންނަ ވަރަކަށް އެ މީހެއްގެ ހޭލުންތެރިކަން އިތުރުވާނެއެވެ. އިޞްލާޙު ފެނުން ގާތްވާނެއެވެ. އޭނާ މި ވަގުތު ހުރި ހާލަތަށް ބަލައި އޭނާއަށް އުނދަގޫކޮށް ތުރާދީ ފުރައްސާރަކޮށް ޖެއްސުންކޮށް އާޑަކިޔާކިޔުމަކީ، އެއްވެސް ހައްދެއްނެތި އޭނާގެ ޙައްޤަކަށް އަރައިގަތުން ކަމުގައި ވެސް ބުނެވިދާނެއެވެ. އޭނާގެ ކިބައިން މައާފު ނުލިބިއްޖެއްޔާ ޤިޔާމަތްދުވަހުން މަލާމާތް ކުރިމީހާ މުފްލިޞަކަށް ވެސް ވެދާނެއެވެ.

comment ކޮމެންޓް