މާލެއާއި ހުޅުމާލޭގައި ވަގުފް އިމާރާތްތައް އަޅާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އަނެއްކާ ވެސް އިއުލާނުކޮށްފިއެވެ.
އެއީ މާލޭގައި ބިނާކުރާ 'ދާރުލް އަރްގަމް' ވަގުފް އިމާރާތާއި، ހުޅުމާލޭގައި ބިނާކުރާ 'ދާރުލް ސަލާމް' ވަގުފް އިމާރާތެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެ އިމާރާތްތައް އަޅަން ބީލަމުގައި ބައިވެރިވާން އެދޭ ނަމަ މިމަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ރަޖިސްޓްރީކުރުމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށާއި، ރަޖިސްޓްރީ ނުކުރާނަމަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ ކުރިން މިދިޔަ އަހަރު ވެސް ހުޅުމާލޭގައި ވަގުފް އިމާރާތެއް އެޅުމަށް މިނިސްޓްރީން އިއުލާނުކުރިއެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓު 15 އަދި އޮކްޓޫބަރު ނުވައެއްގައެވެ.
'ސަން' އާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިދިޔަ އަހަރު އިއުލާނުކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތް ކުރާނެ ބަޔަކު ހޯދަން ކަމަށެވެ. ނަމަވެސް އޭރު ލިބުނު ޕްރޮޕޯސަލްތައް ރަނގަޅު ނުވުމުގެ ސަބަބުން ކެންސަލް ކުރީ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ވަގުފް އިމާރާތްތައް އެޅުމަށް ބޭނުންވާ ފައިނޭންސް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެއީ ބީއެމްއެލް އިސްލާމިކް ލޯނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމީ ވަގުފް ފަންޑު ތަރައްގީކުރުމާ ގުޅޭ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯން ދޭން މިދިޔަ އޭޕްރިލް މަހު ވަނީ ނިންމައިފައެވެ.