ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ފަހު މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ފަސޭހަކަމާ އެކު ސްރީލަންކާ ޕޯޓްސް އޮތޯރިޓީ ބަލިކޮށްފިއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ހެލްޕް ނޭޕާލް ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ނޭޕާލުން ގެންގޮސްފައިވަނީ 25-16, 25-22 އަދި 25-23 ގެ ނަތީޖާއަކުންނެވެ.
މެޗުން މޮޅެއް ހޯދި ނަމަވެސް ނޭޕާލަށް ލިބޭނެ އުފަލެއް ނެތެވެ. އެ ޓީމު އޮތީ ތާވަލުގެ ދެވަނަ މަގާމާ އެކު ފައިނަލަށް ދަތުރުކުރި ކިރްގިސްތާނުގެ ބިޝްކެކްއާއި ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. ތާވަލުގެ ދެވަނަ މަގާމާއެކު ފައިނަލަށް ދިއުމުގެ ދޮރު ނޭޕާލަށް ބަންދުވީ ސެޓް ރޭޝިޔޯއިން ނޭޕާލް ފަހަތުގައި އޮތުމުންނެވެ.

ހެލްޕް ނޭޕާލާއި ސްރީލަންކާ ޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކުރީ ހެލްޕް ނޭޕާލުން --- ސަން ފޮޓޯ/ މޫސާ ނަދީމް
މުބާރާތުގެ ބްރޮންޒް މެޗުގައި ވެސް ބައްދަލުކުރާނީ މި ދެ ޓީމެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހަވީރު 16:15 ގައެވެ. މެޗު ފެށުމުގެ 15 މިނެޓު ކުރިން އެސްއެސްޓީވީގެ ލައިވް ކަވަރޭޖު ފަށާނެއެވެ.
އެއާއެކު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ އެއްވަނަ ހޯދި ކަޒަކިސްތާނުގެ ޒައިކް ވީސީއާ ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:15 ގައެވެ.