ބަތަލާ ކެޓްރީނާގެ މިލްކިއްޔާތު 28 މިލިއަން އެމެރިކާ ޑޮލަރަށް އަރާ

ބޮލީވުޑް ބަތަލާ ކެޓްރީނާ ކައިފް--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް މިހާރު ފިލްމުތަކުން ފެންނަ މިންވަރު މަދުވިޔަސް ބަތަލާގެ މިލްކިއްޔާތުގައި 28 މިލިއަން ޑޮލަރުގެ އާމްދަނީ ހުރި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމުތަކުން ލިބޭ އާމްދަނީގެ އިތުރުން ކެޓްރީނާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އަމިއްލަ ކޮސްމެޓިކް ބްރޭންޑް ކޭ ބިއުޓީގެ އުފެއްދުންތަކުންނެވެ.

ކޭ ބިއުޓީ އަކީ 2019 ވަނަ އަހަރު ބަތަލާ ލޯންޗުކުރި އަމިއްލަ ކޮސްމެޓިކް ބްރޭންޑެކެވެ. ވަރަށް އާދައިގެ ފެށުމަކުން ފެށި މި ބްރޭންޑްއަށް އާއްމުންގެ ފަރާތުން ލިބެމުންދިޔަ ހޫނު ތަރުހީބާ އެކު ބަތަލާގެ ކޭ ބިއުޓީ ބްރޭންޑަކީ މިހާރު އިންޑިއާގެ އެންމެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑްތަކުގެތެރޭ ހިމެނޭ އެއް ބްރޭންޑެވެ.

ބަތަލާ ކެޓްރީނާ ކައިފް މަޝްހޫރު ކޮސްމެޓިކް ބްރޭންޑް ހުދާ ބިއުޓީގެ ސީއީއޯ ހުދާ ކައްޓަންއާ އެކު--ފޮޓޯ/ޕިންކްވިލާ

ފިލްމު "ނަމަސްތޭ ލަންޑަން"އިން ބަތަލާއަށް ލިބުނު ތަރުހީބާ އެކު ކެޓްރީނާ ގިނަ ބައެއްގެތެރޭ މަޝްހޫރުވީ މާބޮޑު މޭކަޕަކާ ނުލާ ސްކްރީނުން ފެންނަ ރީތި ބަތަލާއެއްގެ ގޮތުގައެވެ. ކެޓްރީނާގެ އަމިއްލަ ކޮސްމެޓިކް ބްރޭންޑް ލޯންޗު ކުރުމުގެ ކުރިން ބަތަލާ ވަނީ އިންޑިއާގެ ނައިކާ ކުންފުންޏާ އެކު 2.04 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް ދެ ލައްކަ ސާޅީސް ހަތަރު ހާސް އެމެރިކާ ޑޮލަރު) ފައިސާ އިންވެސްޓްކޮށްފައެވެ.

އޭގެ ތިން އަހަރު ފަހުން ކެޓްރީނާގެ އެ އިންވެންސްޓްމެންޓް ފުޅާވެ 22 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް ދެ ލައްކަ ހަ ސަތޭކަ އެމެރިކާ ޑޮލަރު)ގެ އާމްދަނީއަށް ވަނީ އިތުރުވެފައެވެ. މިއީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ހުނަރުވެރި ބަތަލާއަކަށް ވުމުގެ އިތުރުން ކެޓްރީނާގެ ވިސްނުންތޫނުކަން ވަރަށް ގިނަ ބަޔަކަށް ފާހަގަ ކުރެވުނު ކަމެކެވެ.

ބަތަލާ ކެޓްރީނާ ކައިފް ދިވެހިރާއްޖޭގެ ގްލޯބަލް އެމްބެސެޑަރު ކަމަށް އައްޔަންކުރިކަން އިއުލާނުކޮށްފައިވާ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ

ކެޓްރީނާ އެކޭ އެއްގޮތަށް ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ދީޕިކާ ޕަދުކޯން އަދި ކްރިތީ ސެނޮން ފަދަ ބަތަލާއިން އެ މީހުންގެ އަމިއްލަ ކޮސްމެޓިކް ބްރޭންޑްތަކަށް ބޮޑު އިންވެސްޓްމެންޓްތައް ކޮށްފައިވާއިރު ކެޓްރީނާގެ އަމިއްލަ ބްރޭންޑާ ކައިރިކުރާ މިންވަރަށް ވެސް މާކެޓުގައި ކާމިޔާބު ހޯދިފައިނުވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިދިޔަ އަހަރު ސްޓޯރީބޯޑް18އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ބަތަލާ ދީޕިކާގެ 82°E ބްރޭންޑަށް ވިޔަފާރީގެ ގޮތުން 25.1 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު)ގެ ގެއްލުން ވަނީ ލިބިފައެވެ.

އަމިއްލަ ކޮސްމެޓިކް ބްރޭންޑެއްގެ ވެރިފަރާތަށް ވުމުގެ އިތުރުން ކެޓްރީނާ ވެފައި ވަނީ އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލާ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ އަމިއްލަ މިލްކިއްޔާތުގައި އަގުބޮޑެތި ޕްރޮޕަޓީތައް ވެސް ހުރި ފިލްމީ ތަރިއަކަށެވެ. އެގޮތުން އަގުބޮޑެތި ކާރުތަކާ އެކު ކެޓްރީނާގެ މުމްބާއީގެ އެންމެ ޕޮޝް ސަރަހައްދުގައި ކެޓްރީނާގެ އަމިއްލަ ދެ އެޕާޓްމަންޓް ހުރެއެވެ.

ހަމައެއާއެކު ބަތަލާ ނިސްބަތްވާ އިނގިރޭސިވިލާތުގެ ލަންޑަންގައި ވެސް އަމިއްލަ ލަގްޒަރީ ގެއެއް އެބަހުއްޓެވެ. ފިލްމީ ތަރި ވިކީ ކޯޝަލްއާ ކައިވެނި ކުރުމަށްފަހު ކެޓްރީނާ ފިލްމީ ދާއިރާއިން ފެންނަ މިންވަރު މަދުވި ނަމަވެސް އަމިއްލަ ވިޔަފާރީގެ މަސައްކަތްތަކުގައި ކެޓްރީނާ ފެންނަނީ ވަރަށް ހަރަކާތްތެރިކޮށް އުޅޭ މަންޒަރެވެ.

comment ކޮމެންޓް