މޯދީގެ ދަތުރުފުޅުގައި އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވަނީ

އެމްޑީޕީގެ އިސްވެރިންނާ އެކު މޯދީ: ރާއްޖެ ވަޑައިގެން އެ ޕާޓީގެ ލީޑާޝިޕާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައި -- ފޮޓޯ/ އިންޑިއާ

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅުވައި އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާކަން އެނގިއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަންނަވަނީ މި މަހު 25 އިން 26 އަށެވެ. އެ ދަތުރުފުޅުގެ ތެރެއިން މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވެސް މޯދީއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި މޯދީގެ އެ ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވަން ވަނީ ނިންމަވައިފައެވެ. އެ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ވެސް ބައްދަލުކުރައްވަން އެދިވަޑައިގަތެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ޞާލިޙް ސިއްހީ ކަމެއްގައި ރާއްޖޭން ބޭރުގައި ހުންނެވުމުގެ ސަބަބުން ބައްދަލެއްނުކުރެއްވެއެވެ.

އެމްޑީޕީގެ އިސްވެރިންނާއި މޯދީ ބައްދަލުކުރައްވާކަން އިންޑިއާއިން މިހާތަނަށް ރަސްމީކޮށް ކަށަވަރެއް ނުކޮށްދެއެވެ. އެކަމަކު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ދަތުރުފުޅުގައި އިދިކޮޅު ލީޑަރުންނާ ބައްދަލުކުރައްވާނެތޯ އެ ގައުމުގެ ނޫސްވެރިން ސުވާލުކުރުމުން ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވަނީ ބައްދަލުކުރައްވާނެ ބޭފުޅުން ހަމަޖެއްސުމުގެ މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެކަން ދޮގުކުރައްވާފައެއް ނުވެއެވެ.

ކުރީގެ ރައީސް ޞާލިޙާއި މޯދީ: އިންޑިއާއާއި އެމްޑީޕީއާ އަބަދު ވެސް ގުޅުން ރަނގަޅު -- ފޮޓޯ/ ރައީސް އޮފީސް

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މީގެ ކުރިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ.

މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެ، އެ ގައުމާ އެކު ވަރަށް ގާތް ގުޅުމެއް އޮތެވެ. އެ ގުޅުމުގެ ތެރެއިން ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުކޮށްފައި ތިބި ކަމަށް ބުނެ އޭރު އިދިކޮޅުގައި ތިއްބެވި މިހާރު މި ސަރުކާރުގެ ވެރިން ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، 'އިންޑިއާ އައުޓް'ގެ ނަމުގައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް އިންޑިއާއާ އެކު ގާތް ގުޅުމެއް އޮތެވެ. އެކަމަކު، ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ބޮޑަށް ބަރޯސާވީ ޗައިނާގެ އެހީއަށެވެ. އޭރު ހިންގި ބޮޑެތި ގިނަ މަޝްރޫއުތައް ހިންގީ ޗައިނާގެ އެހީގައެވެ. މި ސަރުކާރުން ވެސް ފުރަތަމަ ދަތުރުފުޅެއް ކުރެއްވީ ޗައިނާއަށެވެ.

https://sun.mv/208876

މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް' ކެމްޕޭންގެ ތެރެއިންނެވެ. އަދި، އޭގެ ފަހުން މި ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދުވަހަކު ގޯސްނުވާ މިންވަރަށް ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ވެސް ވަނީ ނުސީދާ ގޮތެއްގައި ނަން ވިދާޅުނުވެ، އިންޑިއާއަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ރާއްޖެ ކުޑަވުމަކީ ބޮޑު ގައުމަކުން ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް އެ ދުވަހު އެ މަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު، ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ. އެ ފަހުން، އެ މަނިކުފާނު ވަނީ އޮކްޓޫބަރު މަހު ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް