40 އަހަރަށް ފަހު ފޮއްދޫގައި ބަނދަރު ހަދަން ފަށައިފި، "ދެން އަންނާނީ އުފާ ފާޅުކުރަން"

ރައީސް މުއިއްޒު، ފޮއްދޫގައި: އެ ރަށުގައި ބަނދަރު ހަދަން ވަނީ ފަށާފައި -- ފޮޓޯ/ ރައީސް އޮފީސް

ނ. ފޮއްދޫ ރައްޔިތުން 40 އަހަރު ވަންދެން އުންމީދުކޮށްގެން ތިބި ބަނދަރުގެ މަސައްކަތް މިއަދު ފައްޓަވައިދެއްވައި، ދެން އެ ރަށަށް ވަޑައިގަންނަވާނީ އެ މަސައްކަތްތަކުގެ ނިމުން ފާހަގަކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ގެންދަވަނީ ނ. އަތޮޅަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.

އެ ދަތުރުފުޅުގެ ތެރެއިން މިއަދު 300 އެއްހައި މީހުން ދިރިއުޅޭ ފޮއްދުއަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ ރަށުގައި މަޝްރޫއުތަކެއް ފައްޓަވައިދެއްވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބަނދަރު ހެދުމުގެ މަސައްކަތް
  • ޕޮލިސް ޕޯސްޓުގެ ބިންގާއެޅުން
  • ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއެޅުން

ފޮއްދޫ ބަނދަރު ހަދަން ފެށުމުގެ ރަސްމިއްޔާތު: އެއީ އެ ރަށު ރައްޔިތުންގެ ދިގު އިންތިޒާރެއް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް މުއިއްޒު ވަނީ އެ މަޝްރޫއުތައް ނިންމާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. މީގެ އިތުރުން ވެސް ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އާ އިމާރާތް ނިމޭއިރު ލެބޯޓްރީގެ ޚިދުމަތް އިތުރުކޮށް ސިއްހީ ދާއިރާއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަވެ، ކައިރި ހޮސްޕިޓަލްތަކަށް ދާންޖެހޭ ވަރު މަދުކޮށްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ރަށުގެ ތަރައްގީގެ ކަންކަމުގައި ދެއްވާ އެއްބާރުލުމަށް ކައުންސިލަށް ޝުކުރު އަދައިކުރައްވައިފައެވެ.

"އަޅުގަނޑު ދެން އަންނަން ގަސްތުކުރަނީ މިއަދު ފެށުނު މަޝްރޫއުތައް ނިމިގެން، އެ ކަންކަމުގެ އުފަލުގައި ބައިވެރިވާން. އެ އުންމީދުގައި ވަކިވެލާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ފޮއްދޫގެ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ: މިއީ އެ ރަށު ރައްޔިތުންގެ ދިގު އިންތިޒާރެއް -- ފޮޓޯ/ ރައީސް އޮފީސް

އެ ރަށު ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ. އެ މަޝްރޫއަށް 53.7 މިލިއަން ރުފިޔާ ޚަރަދުވެއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 390 ދުވަހުން ނިންމާށެވެ.

ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ މަނިކުފާނު ގެންދަވަނީ މި އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ރަށްރަށަށް ވަޑައިގެން މަޝްރޫއުތައް ނިންމަވައި، ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ.

comment ކޮމެންޓް