އެއް އަހަރާއި އަށް މަސްތެރޭ ރާއްޖޭގެ ހުރިހާ ކައުންސިލަކާ ރައީސް ބައްދަލުކުރައްވައިފި

ވެލިދޫ ކައުންސިލާ ރައީސް ބައްދަލުކުރެއްވުން: ވެރިކަމުގެ އެއް އަހަރާއި އަށް މަސްތެރޭ ރާއްޖޭގެ ހުރިހާ ކައުންސިލަކާ ރައީސް ބައްދަލުކުރައްވައިފި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރާއި އަށް މަސްދުވަސްވިއިރު، ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ އެ މަނިކުފާނު ބައްދަލުކުރައްވައިފިއެވެ.

އެ މަނިކުފާނު މިވަގުތު ހުންނެވީ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގައެވެ.

މިއަދުގެ ނިޔަލަށް އެ މަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ބައްދަލުކުރައްވައިފައެވެ. އެންމެ ފަހުން އެމަނިކުފާނު ބައްދަލުކުރެއްވީ ނ. ވެލިދޫ ކައުންސިލާއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 15ގައި ރައީސް ވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ.

ރައީސް މުއިއްޒު ވެލިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށަށް ވަޑައިގެންނެވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުވުމުން ބޭނުންވާ ކަންތައްތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އޭރުން ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދަން ވަރަށް ފަސޭހަވާނެ ކަމަށެވެ. އެހެންވެ، އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި މީހުން ދިރިއުޅޭ ރަށްތަކަށް ސިލްސިލާ ދަތުރުފުޅުތަކެއް ކުރައްވަމުންނެވެ.

https://sun.mv/200244

ހަމައެއާއެކު ރައީސް މީގެ ކުރިން ވިދާޅުވީ އެއްގޮތަކަށްވެސް ވަކި ރަށެއްގައި ވަކި ކައުންސިލެއް އޮވެގެން، ވަކި ރަށެއްގައި ވަކި ކަހަލަ ދިދައެއް ދަމާތީ، އެރަށަކަށް ކަންތައް ނުކުރާ އުސޫލެއް، މި ސަރުކާރަކުން ނުގެންގުޅޭނެ ކަމަށެވެ. އަދި ކޮންމެ ޕާޓީއެއްގެ ކައުންސިލެއް އޮތަސް، އެރަށަކަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަކީ، ދައުލަތުގެ ޒިންމާއެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހުރިހާ ރަށަކަށް ވެސް ހަމަހަމައަށް ކަންތައް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދައުރުގެ ތެރޭގައި ދެ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް