އިންޑިއާއިން އެހީ ނުވާނަމަ ރާއްޖެ އޮންނާނީ ބަނގުރޫޓުވެފައި: ނަޝީދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ނަޝީދު ވިދާޅުވީ އިންޑިއާއިން އެހީ ނުވާނަމަ ރާއްޖެ މިހާރު ބަނގުރޫޓު ވާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ މާލީ ދަތިތަކާއި ބޮޑެތި ދަރަނިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ގައުމަށް ދަރަނި އަދާކުރެވި، އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް މަގުފަހިވަނީ އިންޑިއާގެ ދީލަތި އެހީގެ ސަބަބުން ކަމަށާއި، އިންޑިއާއިން އެހީނުވާނަމަ މިހާރު އޮންނާނީ ދަރަނި އަދާނުކުރެވިފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެފަދައިން ވިދާޅުވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މިނިވަން ދުވަހާ ދިމާކޮށް މި މަހު 25 އިން 26އަށް ރާއްޖެ ވަޑައިގަންނަވާނެއެވެ. އެ ދަތުރުފުޅުގެ ތެރެއިން މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވެސް މޯދީއެވެ.

އިންޑިއާގެ އޭޝިއަން ނިއުސް އިންޓަނޭޝަނަލަށް ދިން އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީއަކީ ރާއްޖެއަށް މުހިންމު ފުރުސަތުތަކެއް ފަހިކޮށްދޭ ސިޔާސަތެއް ކަމަށެވެ. އެ ސިޔާސަތުގެ ސަބަބުން ހަރުދަނާ ނަތީޖާތަކެއް ނެރެވިފައިވާކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް އެންމެ އުނދަގޫ ދަނޑިވަޅުތަކުގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބޭކަމަށެވެ. އެއީ މާލީ ދަތިތައް ކަމުގައި ވިޔަސް އަދި ދަރަނީގެ ބޮޑެތި މައްސަލަތައް ކަމުގައި ވިޔަސް ގައުމު ޑިފޯލްޓުނުވެ އޮތީ އިންޑިއާގެ އަވަސް އެހީތެރިކަމުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާގެ ސަބަބުން އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް މަގުފަހިވެގެން ދިޔަ. ތެދަށް ބުނާނަމަ އިންޑިއާ ނެތްނަމަ ޑިފޯލްޓްވީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެއިން އަބަދުވެސް އިސްކަން ދެނީ 'އިންޑިއާ ފަސްޓް' ޚާރިޖީ ސިޔާސަތަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ އެކި ވެރިކަންތަކުގައި ޗައިނާއަށް ތާއީދުކުރާ ސަރުކާރުތަކާއި އިންޑިއާއަށް ތާއީދުކުރާ ސަރުކާރުތައް އައިކަން ފާހަގަކުރެއްވިއެވެ. އެ ދެމެދުގައި ރާއްޖެ އޮތީ އުނދަގޫ ހާލަތެއްގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީ ކުރިއަރަމުން އަންނަވަރަކަށް ޚާރިޖީ ސިޔާސަތު ވެސް ހަމައަކަށް އެޅެމުންދާ ކަމަށެވެ.

މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ވިސްނުމަކީ 'އިންޑިއާ ފަސްޓް' ކަމަށް ނަޝީދު ވިދާޅުވިއެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގެ ސަބަބުން އިންޑިއާއިން ރާއްޖެއާއެކު ބާއްވާ ގުޅުމުގެ މުހިންމުކަން ކަށަވަރުވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް' ކެމްޕޭންގެ ތެރެއިންނެވެ. އަދި، އޭގެ ފަހުން މި ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ދުވަހަކު ގޯސްނުވާ މިންވަރަށް ގޯސްވިއެވެ.

https://sun.mv/208958

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ވެސް ވަނީ ނުސީދާ ގޮތެއްގައި ނަން ވިދާޅުނުވެ، އިންޑިއާއަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ރާއްޖެ ކުޑަވުމަކީ ބޮޑު ގައުމަކުން ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް އެ ދުވަހު އެ މަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު، ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ. އެ ފަހުން އޮކްޓޫބަރު މަހު ވެސް، އެ މަނިކުފާނު ވަނީ ފުރަމާނަ ދަތުރުފުޅެއް ކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ލިބުމަކީ، ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ޝަރަފެއް ކަމަށް މިއަދު މޯދީ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް