ވޮލީ ކަވަރޭޖާއެކު ސަން ސިޔާމް މީޑިއާގެ ވިސްނުން އިތުރު ގިޔަރެއް ކުރިއަށް

ކާވާ މުބާރާތުގެ ތެރެއިން އެސްއެސްމީޑިއާގެ ސީއީއޯ މޮންދު: ވޮލީ ކަވަރޭޖާއެކު ސަން ސިޔާމް މީޑިއާގެ ވިސްނުން އިތުރު ގިޔަރެއް ކުރިއަށް

ކާވާ ޗެމްޕިއަންސް ލީގުގެ ކަވަރޭޖާ އެކު ސަން ސިޔާމް މީޑިއާގެ އަމާޒަކީ މުސްތަގުބަލުގައި ވޮލީ ނޫނަސް އެހެން ކުޅިވަރު މުބާރާތްތައް ފެންވަރު ރަނގަޅުކޮށް ގެނެސްދިނުން ކަމަށް ސަން ސިޔާމް މީޑިއާގެ ޗީފް އެގްޒެގެޓިވް އޮފިސަރު މުޙައްމަދު އާސިފް (މޮންދު) މިއަދު ވިދާޅުވެއްޖެއެވެ.

މިއީ ސަން ސިޔާމް މީޑިއާ ގްރޫޕުން ގެނެސްދިން ބައިނަލްއަޤުވާމީ ބޮޑު ކުޅިވަރު މުބާރާތެއްގެ ކަވަރޭޖެވެ. ސެންޓްރަލް އޭޝިއާގެ ޗެމްޕިއަނުންނާ އެކު މާލޭގައި ކުރިއަށްދިޔަ މި މުބާރާތުގެ މެޗުތައް މިލިއަނެއްހާ މީހުން ވަނީ ސަން ސިޔާމް މީޑިއާގެ ޕްލެޓްފޯމުތައް މެދުވެރިކޮށް ބަލާފައެވެ.

މި މުބާރާތުގެ ކަވަރޭޖު ގެނެސްދިނުމަށް ސަން ސިޔާމް މީޑިއާ ގްރޫޕުން ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ ކަވަރޭޖެއް ވަނީ ގެނެސްދީފައެވެ. ކަވަރޭޖާމެދު ހިތްހަމަޖެހޭކަން ފާޅުކުރައްވަމުން މޮންދު ވިދާޅުވީ، ކުޅިވަރުގެ އެންމެ މަތީފެންވަރުގެ ކަވަރޭޖެއް ހެދުމަށް މި މުބާރާތާ އެކު ބޮޑު އިތުބާރެއް ލިބިއްޖެ ކަމަށެވެ. އަދި، ވަރަށް ގިނަ ކަންކަން ދަސްވިކަމަށް ވެސް މޮންދު ވިދާޅުވިއެވެ.

"މި ފުރުސަތު ދެއްވިކަމަށްޓަކާ ވީއޭއެމްއާއި ކާވާގެ ރައީސް [މުހައްމަދު] ލަތީފަށް ޝުކުރު ދަންނަވަން، މުބާރާތުން ގިނަ ކަންކަން ދަސްވެއްޖެ، ވޮލީ ނޫނަސް އެހެން ކުޅިވަރު މުބާރާތްތަކަށް އާ ކަންކަން ކުރުމާއި އާ ގޮތްތައް ހުށައެޅުމަށް އަޅުގަނޑުމެންގެ ޓީމުން ތައްޔާރު،" މޮންދު ވިދާޅުވިއެވެ.

މޮންދު ވިދާޅުވީ، މިއަށްވުރެ ވެސް މާ ފެންވަރު ރަނގަޅުކޮށް މުބާރާތްތައް ގެނެސްދެވިދާނެކަން މި މުބާރާތާއެކު ސާބިތުވެގެން ހިނގައްޖެ ކަމަށާއި ކާވާގެ މި މުބާރާތަކީ ފެށުމެއް ކަމަށެވެ. އަދި، ގިނަ ބައެއްގެ ލޯތްބާއި ތައުރީފު މި ކަވަރޭޖަށް ލިބުނުކަން ވެސް ފާހަގަކުރެއްވިއެވެ.

"މިއީ އަޅުގަނޑަށް ވެސް އަދި މުޅި ޓީމަށް ވެސް ލިބުނު ބޮޑު ހިތްވަރެއް، ތަން ހިންގަން ހުރި އެންމެ އިސް މީހާގެ ހައިސިއްޔަތުން އަޅުގަނޑު މި ޓީމާމެދު ފަހުރުވެރިވޭ،" މޮންދު ވިދާޅުވިއެވެ.

މި މުބާރާތުގެ އެކި މަސައްކަތްތައް ކުރުމުގައި ސަން ސިޔާމް މީޑިއާ ގްރޫޕުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަަރަކާތްތެރިވިއެވެ. މިއީ ސަން ސިޔާމް މީޑިއާގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ކާމިޔާބު ކުޅިވަރު މުބާރާތުގެ ކަވަރޭޖެވެ.

comment ކޮމެންޓް