އެމްއެމްއޭއިން ބޭރު ފައިސާގެ ރިޒާވް ރިކުއާމަންޓް ފަސް ޕަސަންޓަށް ދަށްކޮށްފި

މަރުކަޒީ ބޭންކު އެމްއެމްއޭ: އެމްއެމްއޭއިން ވަނީ ބޭރު ފައިސާގެ ރިޒާވް ފަސް ޕަސެންޓަށް ދަށްކޮށް މިއަދު އެ ނިންމުމަށް އަމަލުކުރަން ފަށައިފަ -- ފޮޓޯ: އެމްއެމްއޭ

މަރުކަޒީ ބޭންކު އެމްއެމްއޭއިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ހަމަޖައްސާފައިވާ ބޭރު ފައިސާގެ ރިޒާވް ރިކުއާމަންޓް، ނުވަތަ (އެމްއެމްއާރު) 7.5 ޕަސެންޓުން ފަސް ޕަސެންޓަށް ދަށްކޮށްފިއެވެ.

އެމްއެމްއޭއިން ވަނީ، އެ ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފައެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ، މި ބަދަލު ގެނެސްފައިވަނީ ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް އެކަނި ކަމަށެވެ. އެހެންކަމުން ދިވެހި ރުފިޔާގެ ރިޒާވް ރިކުއާމަންޓް ހުރީ 10 ޕަސެންޓުގައި ހިފަހައްޓާފައެވެ.

މިއީ މިދިޔަ އޮކްޓޯބަރު މަހު އެމްއެމްއާރު 10 ޕަސެންޓުން 7.5 ޕަސެންޓަށް ދަށްކުރުމަށް ފަހު އެމްއެމްއާރަށް ގެނައި ފުރަތަމަ ބަދަލެވެ.

އެމްއެމްއާރަކީ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވާ ލިކުއިޑިޓީ މެނޭޖުކުރުމަށް މަރުކަޒީ ބޭންކްތަކުގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގެންގުޅޭ ވަސީލަތެކެވެ. އެގޮތުން ހުރިހާ ވިޔަފާރި ބޭންކުތަކަކުން މަރުކަޒީ ބޭންކުގައި ކަނޑައެޅިފައިވާ މިންވަރެއް ރިޒާވްގެ ގޮތުގައި ބަހައްޓަން ޖެހޭނެއެވެ.

އެހެންކަމުން އެމްއެމްއާރަކީ ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި އެ ބޭންކެއްގެ ޖުމްލަ ދިވެހި، ނުވަތަ ބޭރު ފައިސާގެ ޑިޕޮސިޓްތަކުގެ ތެރެއިން ރިޒާވްގައި ބަހައްޓަން ޖެހޭ މިންވަރެކެވެ.

މި ބަދަލު ގެންނަން ނިންމީ އެމްއެމްއޭއިން ބުނި ގޮތުގައި، ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. މި ބަދަލުގެ ސަބަބުން ބޭންކިން ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާގެ ލޯނު ދޫކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި ބޭންކުތަކަށް ވަގުތުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދިނުމަށްޓަކައި ލިބޭނެ ކަމަށް ވެސް، އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއާރުގެ އިތުރުން، އެމްއެމްއޭއިން ދައުރުވާ ފައިސާ ބެލެހެއްޓުމަށާއި އަގުތައް މައްޗަށް ދިއުން ކޮންޓްރޯލްކުރުމަށްޓަކައި އެހެން ވަސީލަތްތައް ވެސް ބޭނުންކުރެއެވެ.

އޭގެ ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަންތަކާއި ޕޮލިސީ ރޭޓަށް ގެންނަ ބަދަލުތަކާއި ވަކި އަމާޒުތަކަކަށް ބިނާކޮށް ބޭރު ފައިސާގެ މާރުކޭޓަށް އަސަރުކުރުވުން ހިމެނެއެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްއެމްއޭއިން ވަނީ ރާއްޖެއަށް މުދާ އެތެރެކުރަން ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭހެން ވިޔަފާރި ބޭނުންތަކަށް ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ އެމެރިކާ ޑޮލަރުގެ ނިސްބަތް އިތުރުކުރަން މީގެ ދުވަސްކޮޅެއް ކުރިން ނިންމައިފައެވެ.

މި ބަދަލާ އެކު ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ އަދަދު 40 އިންސައްތައަށް އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފޮރިން އެކްސްޖޭންޗް ގާނޫނަށް ގެނައި ބަދަލާ އެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 އިންސައްތައިގައެވެ. ނަމަވެސް، މަރުކަޒީ ބޭންކުގެ އަމާޒަކީ އެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 އިންސައްތައަށް ބޮޑުކުރުން ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

comment ކޮމެންޓް