ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ފްރާންސުން ސެޕްޓެންބަރު މަހު ބަލައިގަންނާނެ ކަމަށް އެ ގައުމުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެކްރޮން ވިދާޅުވީ، ސެޕްޓެންބަރު މަހު ބާއްވާ އދގެ އާންމު މަޖިލީހުގައި އެ ނިންމުން ރަސްމީކޮށް ނިންމަވާނެ ކަމަށެވެ.
"މެދުއިރުމަތީގައި އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ވެފައިވާ ތާރީޚީ ވައުދާ އެއްގޮތަށް އަޅުގަނޑު ނިންމާފައި މިވަނީ ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން،" މެކްރޮން ލިޔުއްވާފައިވެއެވެ.
"މި އަހަރުގެ ސެޕްޓެންބަރު މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި މިކަން އިއުލާނުކުރާނަން،"
ފްރާންސުން ފަލަސްތީނު ދައުލަތް ބަލައިގަންނައިރު، އެ ގައުމަކީ ޔޫރަޕްގެ އެންމެ ނުފޫޒުގަދަ ގައުމުކަން ފާހަގަކޮށްލެވެއެވެ. ފްރާންސްގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ނޯވޭ، އަޔަލޭންޑް އަދި ސްޕެއިންއިން ވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގަންނާނެކަމުގެ އިޝާރާތެއް ވަނީ ކޮށްފައެވެ.
އދ.ގެ 193 މެންބަރުންގެ ތެރެއިން 142 ގައުމަކުން މިހާރު ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނަ ނިންމާފައެވެ. ނަމަވެސް، ހުޅަނގުގެ ބާރުގަދަ ބައެއް ގައުމުތަކުން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތް ހިމެނެއެވެ.
ފްރާންސުން އެކަން އިއުލާނުކޮށްފައިވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 59،587 މީހުން މަރުވެ، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް އަޅައި، ބަނޑުހައިހޫނުކަމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މި ހަފުތާގެ ކުރީކޮޅު ފްރާންސުން ވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއާއި ކެނެޑާ އަދި އިސްރާއީލުގެ އިތުރު 21 އެކުވެރި ގައުމަކާ ގުޅިގެން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިސްރާއީލުން ހުއްޓުވުމަކަށް ގެނެސްފައި އޮތް އޮތުން ކުށްވެރިކޮށްފައެވެ.