ވަލުޖަނަވާރުންނާއި އިންސާނާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މާތްﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ސަބަބުން ކަމަށާއި، ބުއްދިއަށް ނުބައި އަސަރުކުރާނަމަ ކޮންމެ ކަމަކީ އިސްލާމްދީން ނަހީކުރާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ބުއްދި ހިމާޔަތްކުރުން"، މި މައުޟޫއުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، ބުއްދި ރައްކާތެރިކުރުމަކީ އިސްލާމްދީން އެ ފަސްކަމެއް ރައްކާތެރިކުރުމަށްޓަކައި ބާވައިލެއްވުނު މައިގަނޑު މަގުސަދުތަކުގެ ތެރެއިން އެއް މަގުސަދު ކަމަށެވެ.
ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިޔަށް ގެއްލުންވެދާނެ އެންމެހައި ކަންކަމާ ދުރުކޮށް، އިންސާނާ ރައްކައުތެރިކުރުން ކަމަށާއި، އިންސާނާ ބޭނުންކުރާ ކާއެއްޗަކުން، ނުވަތަ ބޯއެއްޗަކުން، ނުވަތަ ކުރާ އަމަލަކުން، ނުވަތަ ވިސްނާ ވިސްނުމަކުން ވިޔަސް ބުއްދިއަށް އެ ކަމުގެ ނުބައި އަސަރުކުރާނަމަ އެއީ އިސްލާމްދީން ނަހީކުރާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، މާތްﷲ އިންސާނާ އެހެން މަޚުލޫގާތުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުންނާއި އޭނާގެ އުފެއްދެވުމާއި ސޫރަކުރެއްވުން އެހެން މަޚުލޫގުންނަށްވުރެ ފުރިހަމަވުމުން ކަމަށެވެ. އަދި، އެކަލާނގެ އިންސާނާއަށް ބުއްދި ދެއްވައިފައި ކައުނުގައި ތަފާތު ހެކިތައް ލައްވައި، ފޮތް ބާވައިލައްވައި އެ ހުރިހައި ކަމަކާމެދު ވިސްނައި ފިކުރުކުރުމަށް އަމުރުކުރެއްވި ކަމަށް ޚުތުބާގައި ބުންޏެވެ.
މާތްﷲ އިންސާނާއަށް ދެއްވި ބުއްދީގެ ނިއުމަތް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން އިންސާނިއްޔަތު ކުރިއަރައިފައިވަނީ ކިހާ ވަރަކަށްހެއްޔެވެ؟ ސައިންސާއި ފަންނިއްޔާތާއި ތަފާތު އެކިއެކި ދާއިރާތަކުގައި އިންސާނާ އޭނާ ހޯދައިފައިވާ ކުރިއެރުންތަކާމެދު ވިސްނައިފިނަމަ، އޭނާ އަންތަރީސްވާނެ. މި ކައުނުގައި އިންސާނާއަށް ދެނެގަނެވިފައިނުވާ ކިތައްކިތައް ކަންތައް ވާނެހެއްޔެވެ؟ ހުކުރު ޚުތުބާ

މިސްކިތުގައި ބަޔަކު ހުކުރު ނަމާދަށް އަރައި: މިއަދުގެ ޚުތުބާގައި ބުނީ ބުއްދިއަށް ނުބައި އަސަރުކުރާ ކަންކަން ވަނީ ނަހީކުރައްވާފައި ކަމަށް -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ޚުތުބާގައި ބުނީ، އިސްލާމީ ޝަރީއަތުގައި މާތްﷲއާއި އެކަލާނގެ ރަސޫލާ އަންގަވަނީ އިލްމު އުނގެނުމަށް ކަމަށެވެ. އަދި އިލްމީ ދިރާސާތައްކުރުމަށާއި ތަފާތު ހޯދުންތައް ހޯދައި، ދުނިޔެއާއި އާޚިރަތުގެ ލާބަޔާއި މަންފާ ލިބިގަތުމަށްޓަކައި މަސައްކަތްކުރުމަށް ކަމަށެވެ.
ކަން އެހެން ހުރިއިރު މި ކުޑަކުޑަ މުސްލިމް މުޖުތަމައުގައި އިންސާނާގެ ހަމަބުއްދިއަށް އަސަރުކުރާފަދަ ނޭއްގާނީ އަމަލުތައް ކުރާކަމީ ހިތާމަކުރާންޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، މި ވަގުތީ ހަޔާތުގައި ތިމާއަށް ލިބޭ ވަގުތީ ހިތްހަމަޖެހުމަކާއި ފައިސާގެ ދަހިވެތިކަމުގައި މިފަދަ އެއްޗެހި ވިއްކާ މީހުންނާއި ބޭނުންކުރާ މީހުން، މާތްﷲ އެބައިމީހުންގެ އަމަލުތަކަށް ބައްލަވައިވޮޑިގެންވާކަމާ މެދު ޣާފިލުވަނީ ކީއްވެތޯ ޚުތުބާގައި ސުވާލު އުފެއްދިއެވެ. އަދި، ޣާފިލުކަންމަތީގައި ވަނިކޮށް، ކުއްލިއަކަށް މަރު އައިސް ތިބާއާ ބައްދަލުކޮށްފާނެކަމާ މެދު ބިރުވެތި ނުވަނީ ކީއްވެތޯ ވެސް ސުވާލު އުފެއްދިއެވެ.
އޮންލައިންކޮށް ޖުވާކުޅުމާއި ގޮތްނޭނގޭ ތަފާތު ސްކީމުތަކުގައި ބައިވެރިވުމީ އެކަމަށް ދެވިހިފައި މާތްﷲ ތިމާއަށް ދެއްވި ހަމަބުއްދީން ވިސްނައިފިކުރުކުރުމަށް ހުރަސްއެޅި ޝައިތާނާގެ ދަންތުރައިގައި ޖެހިދާނެ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ވަލުޖަނަވާރުންނާއި އިންސާނާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މާތްﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ނިއުމަތް ކަމަށެވެ. މާތްﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފައި ތިމާގެ ހަވާނަފުސަށް ހެއްލި ހިތުހުރި ގޮތަކަށް އުޅޭ އިންސާނާ ވެއްޓިފައިވަނީ، ހަގީގަތުގައި ވެސް ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.