މޯދީއަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން ރައީސް މުއިއްޒު މަރުހަބާ ވިދާޅުވަނީ: މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ މޯދީ -- ފޮޓޯ/ ރައީސް އޮފީސް

ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ދިވެހިރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ސަރުކާރުން ރަސްމީކޮށް މަރުހަބާ ކިޔައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަތީ މިއަދު 9:15 އެހާކަންހާއިރެވެ. އެއަށް ފަހު، މެންދުރު ފަހު 2:45 އެހާކަންހާއިރު ވަނީ ރަސްމީ ފާލަން ސަރަހައްދުގައި އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފައެވެ.

ރަސްމީ ގޮތުން މަރުހަބާ ދަންނަވަން ސްކޫލު ކުދިންގެ ޚާއްސަ ހަރަކާތެއް ވެސް ބޭއްވިއެވެ. އަދި، ސިފައިން ވަނީ މޯދީގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.

ރަސްމީ މަރުހަބާ ދެންނެވުމުން މޯދީ ރައީސް އޮފީހަށް ވަޑައިގެންނެވީ ހަތްކޮޅުގައެވެ. އެއަށް ފަހު، ރައީސް އޮފީހުގައި ދެ ގައުމުގެ މުހިންމު މަޝްވަރާތައް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަހިކުރުމާ މެދު މަޝްވަރާކުރައްވާނެއެވެ.

އެއަށް ފަހު މިއަދު ދެ ގައުމުގެ ލީޑަރުން އެކުގައި ދެއްވާ ޖޮއިންޓް ސްޓޭޓްމަންޓް ދެއްވަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ދެ ގައުމުގެ މެދުގައި ގުޅުންތައް ބަދަހިކުރަން ގިނަ ދާއިރާތަކަކުން އެއްބަސްވުންތަކެއްގައި ސޮއިކުރަން ވެސް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މޯދީއަށް މަރުހަބާ ދަންނަވަން ރައީސް މުއިއްޒު އެއާޕޯޓަށް ވެސް ވަޑައިގަތެވެ. އެ ކަމަށް މޯދީ ވަނީ ޝުކުރު އަދައިކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/209032

މޯދީގެ މި ދަތުރުފުގެ ތެރެއިން މިއަދާއި މާދަމާ ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ގޮތުން، މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ޝަރަފުވެރިކޮށްދެއްވާނީ މޯދީއެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒާ އެކު ބާއްވަވައި މަޝްވަރާތަކުގެ ތެރެެއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން އުންމީދުކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާ ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހުކުރަން ވަނީ ހަމަޖެހިފައެވެ. އަދި، ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާކަން ވަނީ އެނގިފައެވެ.

https://sun.mv/209036

މި ދަތުރުފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ މީގެ ދެ ދުވަސްކުރިން ވިދާޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި، މި އަހަރަކީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ވެސް 60 އަހަރު ފުރޭ މުނާސަބުކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް' ކެމްޕޭންގެ ތެރެއިންނެވެ. ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ވެސް ވަނީ ނުސީދާ ގޮތެއްގައި ނަން ވިދާޅުނުވެ، އިންޑިއާއަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ރާއްޖެ ކުޑަވުމަކީ ބޮޑު ގައުމަކުން ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް އެ ދުވަހު އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދުވަހަކު ގޯސްނުވާ މިންވަރަށް ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.

ނަމަވެސް، ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ. އެ ފަހުން، އެ މަނިކުފާނު ވަނީ އޮކްޓޫބަރު މަހު ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް