ޕެރިސް (25 ޖުލައި 2025) : ސޫރިޔާގައި މިހާރު ވެރިކަން ކުރާ އަހްމަދުއްޝަރުއުގެ ސަރުކާރާއި ޔަހޫދީ އިސްރާއީލާ ދެމެދު ސީދާ ގޮތެއްގައި ވާހަކަތައް ފަށައިފިއެވެ.
މިވާހަކަތަކުގައި ސޫރިޔާގެ ފަރާތުން ބައިވެރިވީ އެގައުމުގެ ޚާރިޖީ ވަޒީރު އަސްއަދުއްޝީބާނީއެވެ. އިސްރާއީލުގެ ފަރާތުން ބައިވެރިވީ އެގައުމުގެ ސްޓްރެޓީޖިކް ކަންތައްތަކާބެހޭ ވަޒީރު ރޮނަލްޑް ޑެމާ އެވެ.
ސޫރިޔާއަށް އެމެރިކާގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ޓޮމް ބަރަކް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސޫރިޔާއާއި އިސްރާއީލުގެ މަސްއޫލުވެރިންގެ މެދުގައި ސީދާ ގޮތެއްގައި ބައްދަލުވުމެއް ބޭއްވުނީ އެމެރިކާގެ މަސައްކަތުންކަމަށާ މިކަމާމެދު އެމެރިކާ ފަޚުރުވެރިވާ ކަމުގައެވެ.
އަލްޖަޒީރާ ބުނާގޮތުން ސޫރިޔާގެ ޚާރިޖީ ވަޒީރާއި އިސްރާއީލުގެ ވަޒީރު ޕެރިސްގައި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވީ ސޫރިޔާގައި އިސްރާއީލު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ސޫރިޔާ ސަރުކާރުގެ އެއްބާރުލުން ހޯދުމާ ބެހޭގޮތުންނެވެ.

ޕެރިސްގައި ސީދާ ގޮތެއްގައި ބައްދަލުކުރި ސޫރިޔާގެ ޚާރިޖީ ވަޒީރު އަސްއަދުއްޝީބާނީ އާއި އިސްރާއީލުގެ ސްޓްރެޓީޖިކް ކަންތައްތަކާބެހޭ ވަޒީރު ރޮނަލްޑް ޑެމާ
މިގޮތުން ސޫރިޔާގެ ދުރުޒީން ދިރިއުޅޭ ސަރަހައްދެއްކަމަށްވާ ސުވައިދާ އަކީ ސޫރިޔާ ސިފައިންނާއި ސަލާމަތީ ބާރުތައް ނެތް ސަރަހައްދަކަށް ހެދުމަށް އިސްރާއީލު އެދޭ އެދުންތަކަށް ސޫރިޔާ އެއްބަސްވުން މީގައި ހިމެނޭކަމަށް އަލްޖަޒީރާ ބުނެއެވެ.
ސޫރިޔާގެ ދުރުޒީންނަކީ އަރަބިންނެވެ. ނަމަވެސް ދުރުޒީންގެ ތެރޭގައި ހިމެނޭ ސޫރިޔާގެ މިހާރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކާއެކު އިސްރާއީލުވަނީ ގާތްގުޅުންތަކެއް އުފައްދާފައެވެ. މި ގުޅުންތަކުގެ އެހީގައި ދުރުޒީންގެ ދިފާއުގައި ކަމަށް ބުނެ ދާދިފަހުން އިސްރާއީލުވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްގަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ ސޫރިޔާގެ އެތަށް ބަޔަކު މަރާލާފައެވެ.
ހަމަލާދިން ތަންތަނުގެ ތެރޭގައި ސޫރިޔާގެ ދިފާއީ ވުޒާރާ އާއި ސޫރިޔާ ސިފައިން ކޮމާންޑް އެންޑް ކޮންޓްރޯލްގެ މައި މަރުކަޒު ހިމެނެއެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ މަގްސަދަކީ ސޫރިޔާ އިން އެއްވެސް ޝަރުތަކާނުލައި އިސްރާއީލަށް އިއުތިރާފް ކުރުވައި ސޫރިޔާއާއި އިސްރާއީލާ ދެމެދު ގުޅުންތައް ގާއިމް ކުރުވުމެވެ.
އަދި އިސްރާއީލު ގަދަބާރުން ހިފާފައިވާ ސޫރިޔާގެ ގޯލާންގެ ބިންތައް އަނބުރައި ސޫރިޔާއަށް ނުދީ އެބިންތައް އިސްރާއީލުގެ ދަށުގައި ބާއްވައިގެން ސޫރިޔާގެ އިއުތިރާފް އިސްރާއީލަށް ހޯދައި އަބްރަހަމް އެކޯޑުގެ ބައިވެރިއެއްގެ ގޮތުގައި ސޫރިޔާ ހެދުމެވެ.
އަބްރަހަމް އެކޯޑުގެ މަގްސަދަކީ ފަލަސްތީނުގެ މައްސަލަ އޮއްބާލައި އެމައްސަލާ ނުގުޅުވައި އަރަބި ގައުމުތަކުގެ އިއުތިރާފް އިސްރާއީލަށް ހޯދުމެވެ. މި އެކޯޑުގެ ދަށުން އަރަބި ތިން ގައުމެއްވަނީ އިސްރާއީލަށް އިއުތިރާފްވެ ދައުލަތެއްގެ ގޮތުގައި އިސްރާއީލަށް އިއުތުރާފްވެފައެވެ. އެއީ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) ، މަޣްރިބް އަދި ބަހްރައިން އެވެ.
އޭގެކުރިން މިސްރާއި އުރުދުންވަނީ އިސްރާއީލަށް އިއުތިރާފް ވެފައެވެ. ނަމަވެސް އެދެގައުމު އިސްރާއީލަށް އިއުތިރާފްވީ އިސްރާއީލު ގަދަބާރުން ހިފާފައިވާ އެދެގައުމުގެ ބިންތަކުން އިސްރާއީލު ފޭބުން ޝަރުތުކޮށް އެބިންތަކުން ފޭބުމުންނެވެ.
އެމެރިކާގެ ފިއްތުންތަކާއެކު އެއްވެސް ޝަރުތަކާ ނުލައި އިސްރާއީލު ބަލައިގަނެ އިސްރާއީލަށް އިއުތިރާފް ވެފައިވާ އަރަބި ގައުމުތަކުގެ ލިސްޓަށް ސޫރިޔާ ވެއްދުމަށް އެމެރިކާ ކެނޑިނޭޅީ މަސައްކަތް ކުރާއިރު އެމެރިކާ ގެންދަނީ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ޓެރަރިޒަމް ސްޕޮންސާކޮށް ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް އިސްރާއީލު ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް އެހީތެރިވަމުންނެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ދުވަސްވަރުވެސް އިސްރާއީލު ގެންދިޔައީ ސޫރިޔާއަށް ހަމަލާތައް ދެމުންނެވެ. ނަމަވެސް ބައްޝާރުގެ ވެރިކަން ވެއްޓުމަށްފަހު އިސްރާއީލުން ވަނީ އާދަޔާ ޚިލާފަށް ސޫރިޔާއަށް ގަދަފަދަ ހަމަލާތަކެއްދީ ސޫރިޔާގެ ވައިގެ ސިފައިންގެ ހުރިހާ ވަސީލަތްތަކެއް އެއްކޮށް ހަލާކުކޮށްލާފައެވެ. އެއަށްފަހު އިސްރާއީލުވަނީ ސޫރިޔާގެ ގޯލާންގެ ބިންތަކާ ގުޅިފައިވާ އިތުރު ބިންތައްވެސް ހިފާފައެވެ.