ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕް 2025ގައި ރާއްޖެ ތަމްސީލުކުރުމަށްޓަކައި ގައުމީ ފެތުންތެރިންގެ ޓީމު ސިންގަޕޫރަށް ދަތުރު ފަށައިފިއެވެ.
މި ބައިނަލްއަޤްވާމީ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހުނަރުވެރި ފެތުންތެރިންނަކީ އަމްނާ ތަޒްކިޔާ މިރުޞާދު، އާން ހުސައިން، މުޙައްމަދު ރިހާން ޝިހާމް އަދި މިރާލް އައިން ލަތީފެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 11ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
ދިވެހި ފެތުންތެރިން ވާދަކުރާ ފެތުމުގެ އިވެންޓްތައް ކުރިއަށްދާނީ މާދަމާ އިން ފެށިގެން އޯގަސްޓް މަހުގެ ތިންވަނަ ދުވަހާ ހަމައަށެވެ.
މި ފެތުންތެރިންނަކީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ވަރުގަދަ ފެތުންތެރިންނެވެ. މީގެ ތެރޭގައި ގައުމީ ރިކޯޑު ހަދާފައިވާ ފެތުންތެރިން ހިމެނެއެވެ.