ކުރިއަށް އޮތް ތަނުގައި ހުރިހާ ދާއިރާއަކުން އިންޑިއާއާއެކު ގުޅުން ބަދަހިކުރަން ތައްޔާރުކަމަށާއި ދެގައުމު އެކުގައި މަސައްކަތްކުރަން އެދޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ދެ ގައުމުގެ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ދެ ބޭފުޅުން ދެއްވި ބަޔާނުގައެވެ.
މި ބަޔާނުގައި ރައީސް ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ޒަމާންވީ ގުޅުމުގެ މައި ތަނބަކީ ދެގައުމުގެ މީހުންގެ މެދުގައިވާ ގުޅުންކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމާއި، ތައުލީމީ ދާއިރާ ފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި ހައި ލެވެލް ބައްދަލުވުންތަކާއެކު ގިނަ ދާއިރާތަކުން ދެގައުމުގެ ގުޅުން ވަރުގަދަކުރާނެކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.
މި ވާހަކުފުޅުގައި ރައީސް ވަނީ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ދެ ގައުމުގެ ދެމެދު ކުރާ ސީދާ ދަތުރުތައް އިތުރުކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން މި މަޝްވަރާތައް ބޮޑުވަޒީރު މޯދީއާއެކު ކުރައްވާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި އަވައްޓެރި އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މުހިންމު އެއް މާކެޓެވެ. މިގޮތުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ އެއް ގައުމަކީ އިންޑިއާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޑައިރެކްޓް ފްލައިޓްތައް ދެ ގައުމުގެ ދެމެދު އިތުރުކުރުން ހިމެނޭހެން އެއްބާރުލުން އިތުރުކޮށްގެން ދިވެހިރާއްޖޭގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރެވޭނެ ގޮތްގޮތާ މެދު މަޝްވަރާކުރެވުނު،" ރައީސް ވިދާޅުވިއެވެ.
މޯދީ މިއަދު ރާއްޖެ ވަޑައިގެންފައި ވާއިރު، މި ދަތުރުފުޅާއި ރާއްޖޭގެ 60ވަނަ މިނިވަން ދުވަސް އަދި ދެގައުމުގެ ގުޅުމަށް 60 އަހަރު ފުރޭ ދުވަހާ ވެސް ވަނީ ދިމާވެފައެވެ.
މި ދަތުރުފުޅުގައި ދެގައުމުން ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.
އިންޑިއާއާ ދުރު ސިޔާސަތެއް ގެންގުޅޭ ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު 2023ވަނަ އަހަރުގެ ނޮވެންބަރު މަހު ވެރިކަމަށް އައިސް، 2024ވަނަ އަހަރުގެ ޖަނަވަރީ މަހު ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.
އެ މައްސަލައިގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލައި، އިންޑިއާގެ މަޝްހޫރު ތަރިން ބައިވެރިވެގެން ކެމްޕޭނެއް ކުރިއަށްގެންދިޔައެވެ. އޭގެ ފަހުން ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވިއެވެ.
އެ މައްސަލަ ޖެހުނު ފަހުން މި ސަރުކާރުން ވަނީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކޮށް، ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.