ހުރިހާ ވަގުތެއްގައި ވެސް ރާއްޖެއަށް ފުރަތަމަ އެހީތެރިކަން ދިނުމަށްޓަކައި އިންޑިއާއިން އޮތީ އަބަދު ވެސް ތައްޔާރަށް ކަމަށާއި، އިންޑިއާގެ ޕޮލިސީއަކީ "ފުރަތަމަ ރަހުމަތްތެރިކަން" ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
ދެ ގައުމުގެ ދެމެދުގައި މިއަދު އަށް އެއްބަސްވުމެއްގައި ސޮއިކޮށް، ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ދެއްވި ބަޔާނުގައި މޯދީ ވިދާޅުވީ، ކާޑުގެ ބާވަތްތައް ރާއްޖެއަށް ފޯރުކޮށްދިނުން ކަމުގައި ވިޔަސް، ނުވަތަ ކޮވިޑް-19 ގެ އާލަމީ ވަބާއަށް ފަހު ރާއްޖޭގެ އިގްތިސޯދު ފޫބައްދަން އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ވިޔަސް، އިންޑިއާއިން އަބަދު ވެސް އޮތީ ރާއްޖެއަށް އެހީތެރިކަން ދޭން ތައްޔާރަށް ކަމަށެވެ.
އެންމެ ބޮޑު އިސްކަމެއް އިންޑިއާއިން ދެނީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ކަމަށާއި، ރާއްޖެއާ ގުޅިގެން އެކުގައި މަސައްކަތްކުރަނީ އެ ސަބަބަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ އޮކްޓޯބަރު މަހު ރައީސް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް އިޝާރާތްކުރައްވައި މޯދީ ވިދާޅުވީ، އެ ދަތުރުފުޅުގައި ވިޔަފާރިއާއި ކަނޑުމަތީގެ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމުގެ ފުރިހަމަ ތަސައްވުރެއް ހިއްސާކުރެވުނު ކަމަށާއި، އެކަން މިހާރު ހަގީގަތަކަށް ވެފައިވާ ކަމަށެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކޮށް ސްޓޭމްޕް ބަދަލުކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސަލާމްކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވިގޮތުގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ އިންވެސްޓްމެންޓްތައް އިތުރުކުރުމަށްޓަކައި އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެއާއެކު، ލޯކަލް ކަރަންސީ ސެޓްލިން ސިސްޓަމްގެ ސަބަބުން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީސްއިން ވިޔަފާރިކުރުމަށް މަގުފަހިވާނެ ކަމަށާއި، އިންޑިއާގެ ޔޫނިއަން ޕޭމަންޓް ސިސްޓަމްގެ ސަބަބުން އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން އިތުރުވެ، ދެ ގައުމުގެ ރީޓެއިލް ސިނާއަތަށް ފައިދާކުރާނެކަން މޯދީ ފާހަގަކުރެއްވިއެވެ.
"އަދިވެސް އެއްފަހަރު އަޅުގަނޑު ޔަގީންކަން އަރުވަން ބޭނުން، އިންޑިއާއިން، ތަރައްގީގެ ކޮންމެ ފިޔަވަޅެއްގައި ވެސް ރާއްޖެއާ އެކީ ދެމިތިބޭނަން،" މޯދީ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިން އެއްބަސްވުމެއް ހިމެނޭހެން އިންޑިއާ ސަރުކާރާ އެކު ރާއްޖޭން އަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށް އެ އެއްބަސްވުންތައް ބަދަލުކޮށްފައިވެއެވެ.
ރައީސްގެ ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގެންފައިވާ މޯދީގެ މި ދަތުރުފުގެ ތެރެއިން މިއަދާއި މާދަމާ ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ގޮތުން، މާދަމާ ފާހަގަކުރާ ރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ޝަރަފުވެރިކޮށްދެއްވާނީ މޯދީއެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސާ އެކު ބޭއްވެވި މަޝްވަރާތަކަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން އުންމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމަށް ފަހު މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ރަސްމީ ދަތުރުފުޅެވެ. މިއީ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ތިންވަނަ ފަހަރު ކަމުގައިވިޔަސް، ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.