ރާއްޖެއިން ކޮންމެ އަހަރަކު އިންޑިއާއަށް ދައްކަންޖެހޭ ލޯނު 40 ޕަސަންޓު ލަސްކޮށްދޭން އިންޑިއާއާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެ ވަޑައިގަތުމަށް ފަހުއެވެ.
އިންޑިއާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ ފޮރިން ސެކެޓްރީ ވިކްރަމް މިސްރީ ވިދާޅުވީ، ރާއްޖެއިން އިންޑިއާއަށް ދޫކުރި ޑޮލަރު ލައިން އޮފް ކްރެޑިޓްގެ ދަށުން އަދާކުރަންޖެހޭ ލޯނުގެ 40 ޕަސަންޓު ލަސްކޮށްދީފައިވާ ކަމަށެވެ. މި ބަދަލާއެކު ރާއްޖެއިން އިންޑިއާއަށް އަހަރަކު ދައްކަންޖެހޭ 51 މިލިއަން ޑޮލަރު، 29 މިލިއަން ޑޮލަރަށް ކުޑަވާނެއެވެ.
މި ލައިން އޮފް ކްރެޑިޓަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި އިންޑިއާއިން ހަމަޖައްސައިދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެކެވެ.
މި ލައިން އޮފް ކްރެޑިޓާ ގުޅިގެން ޞާލިހް މިއަދު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން ހަމަޖައްސައިދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އަދި ބޭނުންނުކޮށް ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.
އެއީ މާލޭ ކޮމާޝަލް ޕޯޓް ގުޅީފަޅަށް ބަދަލުކުރުމަށާއި، ކްރިކެޓް ސްޓޭޑިއަމް އެޅުމަށާއި، ލ. ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލަށާއި، މިފްކޯ އެކްޕެންޝަން މަސައްކަތަށް އޭރު ކަނޑައަޅައިފައިހުރި ފައިސާ ކަމަށް ޞާލިޙު ވިދާޅުވިއެވެ.
އެހެންކަމުން ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ދެ ސަރުކާރުގެ ދެމެދުގައި ދެކެވޭ ރަސްމީ ވާހަކަތަކުގައި، އެ ފައިސާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޞާލިޙު ވިދާޅުވިއެވެ.
މޯދީގެ ދަތުރުފުޅުގައި މިއަދު ވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ދެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
ވިކްރަމް މިސްރީ ވިދާޅުވީ މި ލައިން އޮފް ކްރެޑިޓް ދެއްވާނީ އިންޑިއާ ރުޕީސްއިން ކަމަށެވެ. އެއީ ރާއްޖެއަށް ދަރަނި މެނޭޖްކުރުމަށް ފަސޭހަ ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.