ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރު ޑައިރެކްޓަރު ވިޝާލް ބަރދުވާޖްއާ އެކު މަސައްކަތްކުރާ އާ ފިލްމުގެ ނަމަކީ "ރޯމިއޯ" ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބަތަލާ ތުރިޕްތީ ދިމްރީ އަދި ދިޝާ ޕަޓާނީ މުހިއްމު ރޯލްތަކުން ފެންނާނެ މި ފިލްމަށް މީގެކުރިން ދިން ނަމަކީ "އަރުޖުން އުސްތާރާ"އެވެ. ފިލްމު "ކަމީނޭ"، "ހައިދަރު" އަދި "ރަންގޫން" ފަދަ ފިލްމުތަކުގައި މީގެކުރިން ވިޝާލްއާ އެކު ޝާހިދު މަސައްކަތްކޮށްފައިވާއިރު މިއީ ދެ މީހުން އެކީގައި މަސައްކަތްކުރާ ހަތަރު ވަނަ ފިލްމެވެ.
ޝާހިދުއާ އެކު ފިލްމުގެ ކާސްޓުން ފެންނާނެ އިތުރު ތަރިންގެތެރޭ ނާނާ ޕަޓޭކަރު، ރަންދީޕް ހުޑާ، ވިކްރާންތު މަސޭ އަދި ގިނަ ފިލްމުތަކުން ފެނިފައިވާ ކުރީގެ ބަތަލާ ފަރީދާ ޖަލާލް ހިމެނެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން މި ފިލްމުގެ ނަން "ރޯމިއޯ"އަށް ބަދަލު ކުރަން ޖެހުނީ ޝާހިދު ފިލްމުގައި ކުޅޭ ކެރެކްޓާއާ ވީހާވެސް ބޮޑަށް ފިލްމުގެ ނަން ގުޅުވާލުމުގެ ގޮތުންނެވެ.

ޝާހިދު ކަޕޫރު އަދި ފިލްމު ޑައިރެކްޓަރު ވިޝާލް ބަރަދްވާޖު--ފޮޓޯ/ޕިންކްވިލާ
މިއީ މިހާތަނަށް ޝާހިދު ސްކްރީނުން ފެނިފައިނުވާ ކަހަލަ ކެރެކްޓާއެއް ބެލުންތެރިންނަށް ގެނެސްދޭނެ ފިލްމެކެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގައި ޝާހިދު ބެލުންތެރިންނަށް ފެންނާނީ ވަރަށް ރަހުމް ކުޑަ ގޭންގްސްޓާއެއްގެ ރޯލްއިންނެވެ.
ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ގްރޭންޑްސަން އެންޓަޓެއިންމަންޓްއިން ބެނާގެ ދަށުން ގެނެސްދޭ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.
އެ ތާރީޚުގައި އިންޑިއާގެ އެންމެ މަގުބޫލު އެކްޓަރުން ކަމަށްވާ ރަންވީރު ސިންގް އަދި ޕްރަބާސްގެ ދެ ފިލްމު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވީ ނަމަވެސް ވިޝާލްގެ ފިލްމު ރިލީޒްކުރާ ތާރީޚު ބަދަލު ނުކުރާނެ ކަމަށް "ރޯމިއޯ"ގެ ޓީމުން ވަނީ ބުނެފައެވެ. ޝާހިދު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޑައިރެކްޓަރު ރޯޝަން އެންޑްރޫ ގެނެސްދިން ފިލްމު އެކްޝަން ތުރިލާ ފިލްމު "ދޭވާ"އިންނެވެ.