އެހެން ބަޔަކު އައިސް، ގައުމުގެ ކަންކަން ބެލެހެއްޓުމަކީ ސިޔާސަތެއް ނޫން، ސިފައިންނާއި ފުލުހުންނަށް އިސްކަންދެނީ އެހެންވެ: ރައީސް

ރައީސް ސިފައިންގެ މީހަކާ ސަލާންކުރައްވަނީ: އެހެން ބަޔަކު އައިސް، ގައުމުގެ ކަންކަން ބެލެހެއްޓުމަކީ ސިޔާސަތެއް ނޫން ކަމަށާއި ސިފައިންނަށް އިސްކަންދެނީ އެހެންވެ ކަމަށް ވިދާޅުވި --- ފޮޓޯ/ ރައީސް އޮފީސް

އެހެން ބަޔަކު އައިސްގެން ގައުމުގެ ކަންކަން ބެލެހެއްޓުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ސިފައިންނާއި ފުލުހުންނަށް އިސްކަންދެނީ އެހެންވެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ، ސިފައިންނާ ފުލުހުންނަށް އިސްކަންދެނީ ކީއްވެތޯ އެމަނިކުފާނާ ސުވާލުކުރައްވާ ކަމަށެވެ.

އެސުވާލަށް ތަފްސީލީ ޖަވާބެއް ދެއްވައި ރައީސް ވިދާޅުވީ، އަބަދުވެސް ގައުމު އޮންނަންޖެހެނީ ދިވެހި ރައްޔިތުން ހިމާޔަތް ކުރުމަށް ތައްޔާރަށް ކަމަށާއި ގައުމުގެ ކަންކަން ބަލަހައްޓާނީ އަމިއްލައަށް ކަމަށެވެ.

ރާއްޖޭގެ ވަށަައިގެންވާ ކަނޑުގެ ބޮޑު ސަރަހައްދެއް އޮންނައިރު، ސިފައިންނާއި ފުލުހުންނަށް ބޮޑު އަދަދެއް އިންވެސްޓުކުރަނީ ގައުމުގެ ކަންކަން އަމިއްލައަށް ބެލެހެއްޓުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ގައުމުގެ ކަންކަން ބެލެހެއްޓުމުގައި އެހެން ގައުމުތަކުގެ އެހީތެރިކަން ފަންނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހޯދަން ޖެހޭ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަވީނާއި ހިލްމީ: އެހެން ބަޔަކު އައިސް، ގައުމުގެ ކަންކަން ބެލެހެއްޓުމަކީ ސިޔާސަތެއް ނޫން ކަމަށާއި ސިފައިންނާއި ފުލުހުންނަށް އިސްކަންދެނީ އެހެންވެ ކަމަށް ރައީސް ވިދާޅުވި-- ފޮޓޯ/ ފުލުހުން

އެހެން ހުރިހާ ގޮތަކުން ވެސް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މި ސަރުކާރުގެ ސިޔާސަތު އޮންނާނީ ހުރިހާ ގައުމަކާ އެކީގައި. އެހެންނަމަވެސް، އެހެން ބަޔަކު އައިސް އަޅުގަނޑުމެންގެ ކަންކަމާ ހަވާލުވެގެން ކުރުމަކީ ސިޔާސަތެއް ނޫން. އެހެންވީމައި، ފުލުހުންނާއި ސިފައިންނަށް މި ސަރުކާރުން އެހާ އިސްކަމެއް ދީގެން މިކުރަނީރައީސް ޑރ. މުޙައްމަދު މުއިއްޒު

ސިފައިންނާއި ފުލުހުންގެ ދައުރު ފުޅާކުރުމަށާއި ގާބިލްކަން އިތުރު ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސަރުކާރުން އިސްކަން ދެއްވައި, ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވިއެވެ.

އޭގެއިތުރުން، ރައީސް ވިދާޅުވީ، އަބުތާލުން ގައުމަށްޓަކައި ވެދެއްވި ޖިހާދަށް ޝުކުރުވެރިވާން ޖެހޭ ކަމަށާއި އަންނަން އޮތް ޖީލުތަކަށް ގައުމު މިނިވަންކަމާ އެއްކޮށް ފޯރުކޮށްދިނުމަކީ ކޮންމެ މީހެެއްގެ ޒިންމާއެއް ކަމަށެވެ.

ހަމަ އެހެންމެ, ސިފައިންނާއި ފުލުހުންނަށް ކޮށްދޭން ޖެހޭ ކޮންމެ ކަމެއް ފަޚުރުވެރިކަމާ އެއްކޮށް އިސްކަންދީގެން ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް