އަހަރުތަކަކަށްފަހު ކުޑަކުދިންނަށް ޚާއްސަ ލަވަމުބާރާތެއް ފަށަނީ

އެސްއެސްޓީވީ އާއި ފަންނުވެރިކަން ކިޔަވައިދީ މިއުޒިކީ ހުނަރުވެރިކަން ތަރައްގީކުރުމަށް ހިންގާ ޓައިމް އެކެޑަމީ އޮފް ޕާފޯމިންގް އާޓްސް ގުޅިގެން "ޝައިނިން ސްޓާ 2025"ގެ ނަމުގައި، ކުޑަކުދިންނަށް ޚާއްސަކޮށް ލަވަކިޔުމުގެ މުބާރާތެއް މިއަދު އިފުތިތާހުކޮށްފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، އެސްއެސްޓީވީގެ ސްޓޫޑިއޯގައި އޮތް ހަފުލާއެއްގައި މި މުބާރާތް އިފުތިތާހުކޮށްދެއްވީ ސަންސިޔާމް މީޑިއާގެ ސީއީއޯ މުހައްމަދު އާސިފާއި ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީނާއި ޓައިމް އެކެޑަމީގެ ފައުންޑިން ދެ މެންބަރުން ކަމަށްވާ އަލީ އާމިރާއި ޝާޒް ސައީދެވެ.

ޝައިނިން ސްޓާ މުބާރާތުގެ ލޯގޯ---

އުމުރުން ހަ އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ ދުވަހާ ގުޅުވައި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެސްއެސްޓީވީންނާއި ޓައިމް އެކެޑަމީން ބުނީ، ހަ އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ލަވަ މުބާރާތެއް ނުބާއްވާތާ އަހަރުތަކެއް ފާއިތުވެފައިވާ ކަމަށާއި، މިފަދަ މުބާރާތަކަށް ވަރަށް ބޮޑަށް އެދޭ ބެލެނިވެރިންނާއި ދަރިވަރުން އެބަތިބި ކަމަށެވެ. އަދި ލަވަކިއުމުގެ ހުނަރުހުރި އަދި ވާދަވެރި މާހައުލެއްގައި މި ހުނަރު ދައްކާލުމަށް ބޭނުންވާ ދަރިވަރުން ތިބިކަމީ މިފަދަ މުބާރާތެއް ބާއްވަން ހިތްވަރު ލިބުނު ސަބަބެއް ކަމަށް ދެފަރާތުން ބުނެފައި ވެއެވެ.

ޓައިމް އެކެޑަމީން ހާމަކުރިގޮތުގައި، ނުވަ އަހަރުންދަށާއި 11 އަހަރުންދަށާއި 16 އަހަރުންދަށާއި 18 އަހަރުންދަށުގެ އުމުރުފުރާތަކުގެ އިތުރުން، މި މުބާރާތުގައި އިތުރު ބައިތައް ވެސް ހިމަނާނެއެވެ.

ހަމައެކަނި ދިވެހި ބަހުން ލަވަ ހުށަހެޅޭ މި މުބާރާތުގައި އަމިއްލަ ރާގަށް އިސްކަން ދިނުމުގެ ގޮތުން އެ ބަޔަށް ވަކިން އިންސާފުކޮށް އިނާމު ދޭއިރު، މާލޭ ސަރަހައްދުން ބޭރުން މި މުބާރާތަށް އައިސް ލަވަ ހުށަހަޅާ ބައިވެރިންނަށް ކަނޑައަޅާ ވަކި މިންގަނޑުތަކެއް މި މުބާރާތުގައި ވެއެވެ. ވީޑިއޯ ލަވަ ވެސް މުބާރާތުގައި ބައިވެރިކުރެވޭއިރު، ޑުއެޓް ލަވަ ހުށަހެޅުމުގެ އިތުރުން، ގިޓާ ނުވަތަ ޕިއާނޯ ކުޅެމުން ލަވަ ހުށަހެޅުން ވެސް މުބަރަތުގެ ކެޓަގަރީތަކުގައި ހިމެނެއެވެ.

ޝައިނިން ސްޓާ މުބާރާތުގައި ބައިވެރިވުމަށް އެސްއެމްއެސް ކުރާނީ ---

އެސްއެސްޓީވީންނާއި ޓައިމް އެކެޑަމީން އިތުރަށް ބުނީ މި މުބާރާތުގައި މާކްސް ދިނުމާއި ސަޕްރައިޒްތައް ދިނުމުގައި ޚާއްސަ އުސޫލުތަކެއް ތައާރަފުކުރާނެ ކަމަށާއި، ބެލުންތެރިންނާއި ބައިވެރިންގެ ޝައުގުވެރިކަން ހިފެހެއްޓުމަށް ތަފާތު ކަންކަން ހިމަނާނެ ކަމަށެވެ.

"ޝައިނިން ސްޓާ 2025" މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށް އެސްއެމްއެސް ކުރުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. އެސްއެމްއެސް ކުރާނީ އެސްއެސް ޖަހާފައި ހުސްތަންކޮޅެއް ދޫކޮށްލުމަށް ފަހު ބައިވެރިކުރާ ކުއްޖާގެ ނަމާއި އުމުރު ލިޔެފައި 2747އަށެވެ. މިގޮތަށް އެސްއެމްއެސް ފޮނުވާ ފޯނަށް ގުޅައި އިތުރު މައުލޫމާތު ސާފުކުރާނެ ކަމަށް، އެސްއެސްޓީވީން ބުންޏެވެ.

އެސްއެސްޓީވީން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތް އިންތިޒާމުކުރުމަށް ބޮޑު ޚަރަދެއް ހިނގާނެތީ އާއި، މިކަމަށް ސީރިއަސްކޮށް މަސައްކަތްކުރާ ކުދިންނަށް ފުރުސަތު ތަނަވަސް ކޮށްދިނުމަށްޓަކައި ބައިވެރިވާ ކޮންމެ ކުއްޖެއްގެ އަތުން 500 ރުފިޔާގެ އިދާރީ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ އިތުރު މައުލޫމާތު އެސްއެސްޓީވީ އާއި ޓައިމް އެކެޑަމީން ކުރިއަށް ހުރި ދުވަސްތަކުގައި ހާމަކުރަމުން ދާނެ ކަމަށް އެސްއެސްޓީވީގެ ފަރާތުން ބުންޏެވެ. އަދި މި މުބާރާތަށް ސްޕޮންސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ސަންސިޔާމް މީޑިއާގެ ސޭލްސް އެންޑް މާކެޓިން ޑިޕާޓްމަންޓާ ގުޅައިގެން ކުރިއަށް ދިއުމަށް ވެސް އެސްއެސްޓީވީން އެދެއެވެ.

comment ކޮމެންޓް