ދިވެހިރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް)ގެ ހަތަރު މުބާރާތެއްގެ މީޑިއާ ޕާޓްނަރަކަށް ވުމަށް ސަން ސިޔާމް މީޑިއާއިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަންސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެގެޓިވް އޮފިސަރު މުޙައްމަދު އާސިފް (މޮންދު)އެވެ. އަދި، ވީއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަޠީފެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އާސިފް ވަނީ، ވީއޭއެމްގެ މުބާރާތްތައް ކަވަރުކުރުމުގެ ފުރުސަތު ސަން ސިޔާމް މީޑިއާއަށް ދިން ކަމަށްޓަކައި ވީއޭއެމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ.
ލަތީފް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން، މި އަހަރު ރާއްޖޭން ބާއްވާ ބައިނަލްއަގުވާމީ ދެ މުބާރާތަކާއި ވީއޭއެމުން އިންތިޒާމުކޮށްގެން ބާއްވާ ދެ މުބާރާތެއްގެ ކަވަރޭޖު ސަން ސިޔާމް މީޑިއާއިން ގެނެސްދޭނެ ކަމަށެވެ.
އެގޮތުން، ރާއްޖޭގައި ބާއްވާ "މާކަންޓައިލް ވޮލީބޯލް" މުބާރާތަކީ ކުންފުނިތަކަށް ޚާއްސަ މުބާރާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވޮލީބޯޅަ މުބާރާތްތަކުގެ އެގްރީމެންޓްގައި ސަންސިޔާމް މީޑިއާ ގްރޫޕްގެ ސީއީއޯ މުޙައްމަދު އާސިފް (މޮންދު) އާއި ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަތީފު ސޮއިކުރައްވަނީ --- ފޮޓޯ: ސަން
ރާއްޖެއަށް އަލަށް މުބާރާތެއް ތައާރަފުކުރުމަށް ވީއޭއެމްއިން ވަނީ ނިންމައިފައެވެ. "ރާއްޖެ ސުޕަ ލީގް"ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ކޮންމެ ރަށަކުން ކައުންސިލް މެދުވެރިކޮށް އެއް ޓީމަށް ބައިވެރިވެވޭނެއެވެ.
ލަތީފް ވިދާޅުވީ، އެއީ ވޮލީބޯޅަ އާއިލާއަށް ބާއްވައިދޭ މުބާރާތެއް ކަމަށެވެ.
އޭގެ އިތުރަށް، ބައިނަލްއަގުވާމީ ގޮތުން ބާއްވަނީ "ކާވާ ކަޕް ފޯ ވުމެން"އާއި "ޗެމްޕިއަންސް ލީގް" މުބާރާތެވެ. އޭގެތެރެއިން، "ޗެޕްމިއަންސް ލީގު"އަކީ ކާވާގެ 14 ގައުމުގެ ތެރެއިން ކޮންމެ ގައުމެއްގެ ޗެމްޕިއަންކަން ހޯދާ ކުލަބަށް ވާދަކުރުމުގެ ފުރުސަތު ލިބޭ މުބާރާތެެކެވެ.
ވީއޭއެމްއިން ވަނީ، މިދިޔަ ޖުލައި މަހު ބޭއްވި ކާވާ ޗެމްޕިއަންސް ލީގުގައި ސަން ސިޔާމް މީޑިއާއާ އާއެއްކޮށް މަސައްކަތްކޮށްފައެވެ.
ލަތީފް ވިދާޅުވީ، އެ މުބާރާތުގައި އެކުގައި ކުރެވުނީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. އެ މަސައްކަތުގައި 24 ގަޑިއިރު ކަހަލަ ގޮތަކަށް ސަން ސިޔާމް މީޑިއާގެ މުވައްޒަފުން އުޅުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
އާސިފް ވަނީ، ސަން ސިޔާމް މީޑިއާއިން ކާވާ މެންސް ޗެމްޕިއަންސް ލީގު ކަވަރުކުރި ފެންވަރަށް ވުރެ ރަނގަޅު ފެންވަރުގައި، ކުރިއަށް އޮތް ވޮލީބޯޅަ މުބާރާތްތައް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
"މީގެ ކުރިން ވޮލީ މުބާރާތްތަކަށް އޮތް ޝައުގު އަލުން ދިރުވައި އާލާކުރުވަން އަޅުގަނޑުމެން މިފަހަރު ވަރަށް ބޮޑަށް މަސައްކަތްކުރާނަން،" އާސިފް ވިދާޅުވިއެވެ.
އެއާއެކު ލަތީފް ވަނީ، ވީއޭއެމުން މަސައްކަތްކުރަނީ "ސުޕަ ލީގު" ފޭން ބޭސްޑް މުބާރާތަކަށް ބަދަލުކުރުމަށް ކަމަށް ފާހަގަކުރައްވައިފައެވެ.
ރާއްޖޭގައި އެންމެ ގިނަ މީހުން ނިސްބަތުން ކުޅޭ އެއް ކުޅިވަރަކީ ވޮލީބޯޅަކަން ފާހަގަކުރައްވައި، ލަތީފް ވަނީ ވޮލީ މުބާރާތްތައް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައެވެ.