އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ތަނަވަސްކޮށްދީ، ސަރުކާރުން ނަންބަރު އައިނު ހެދުމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
އައިޖީއެމްއެޗްގައި ގާއިމްކުރި އައިނު ފިހާރަ ހުޅުވައިދެއްވައި މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، މި އައިނު ފިހާރައިގައި ހުންނާނީ އެންމެ ޒަމާނީ މެޝިނަރީ ކަމަށާއި، މިތަނުން ނަންބަރު ނެގުމާއި ލެންސް ހެއްދުމުގެ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށެވެ.

މި މެޝިންތަކުގެ އެހީގައި ލޮލުގެ ޕްރެޝަރު ބެލޭނެގޮތް ހަމަޖައްސާފައިވާނެ ކަމަށާއި ގްލަކޮމާ ވެސް އެންމެ ފުރަތަމަ ސްޓޭޖުގައި ދެނެގަނެވޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
"އަދި އާސަންދައިން މި ހޭދަކުރާ 2،000 ރުފިޔާގެ އަދަދުގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށް އައިނު ހިލޭ ހެއްދުމުގެ ފުރުސަތު މިއަދު ފަހިވެގެން މި ދިޔައީ،" އޭނާ ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގައި އަންނަ މަހު މި ޚިދުމަތް ފަށާނެ ކަމަށާއި، ކުރިއަށް ހުރި ދުވަސްތަކުގައި ރީޖަނަލް ހޮސްޕިޓަލްތަކަށް ވެސް މި ޚިދުމަތް ފުޅާކުރާނެ ކަމަށެވެ.
ސަރުކާރުގެ ހޮސްޕިޓަލުތަކުން ލޮލުގެ އެކި ބަލިބައްޔަށް ބޭސް ކުރެވޭއިރު، އައިނު ހައްދައިދިނުމުގެ ޚިދުމަތް މި ފަށަނީ އަލަށެވެ. ރާއްޖޭގައި މި ޚިދުމަތް އަބަދު ވެސް ދެމުން އައީ ޕްރައިވެޓް ސެކްޓަރުންނެވެ. އައިނު ހެއްދުމަކީ ބޮޑު ޚަރަދު ހިނގާ ކަމަކަށްވާއިރު، އެ ކަމުގައި އާސަންދައިން އައީ 1،000 ރުފިޔާ ކަވަރުކޮށްދެމުންނެވެ.
ނަމަވެސް، މި 1،000ރުފިޔާ އާސަންދައަށް ކެނޑުމަށްފަހު ވެސް އާންމުންގެ އަތުން އެ ޚިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އޭރު އޮތީ ޝަކުވާ ބޮޑުވެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އަަދަދު 2،000 ރުފިޔާއަށް އިތުރު ކުރައްވައިފައެވެ. އަދި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރެއިން އައިނު ހައްދައިދިނުމުގެ ޚިދުމަތް ފެށުމަށް އޭރު އެންގެވިއެވެ.