ފުޅަނދުތަކާއެކު ކާޓޫން ކެރެކްޓާތައް މަގުމައްޗަށް، ކުޑަކުދިން އުފަލުން ފުރިފައި!

އެސްޓީއޯގެ ފުޅަނދުބުރުން ފެންނަ ކުރޯމީ އާއި ހެލޯ ކިޓީ، ފަހަތުން މިނިއަން --- ސަން ފޮޓޯ: މޫސާ ނަދީމް

މިރޭ މަޖީދީމަގަށް ކުދިބޮޑު އެންމެން ނުކުތީ މިނިވަން ދުވަހާ ގުޅިގެން ބާއްވާ ފުޅަނދުބުރު ބަލާށެވެ. ކުޑަކުދިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ކާޓޫނު ކެރެކްޓާތައް ނުކުމެ މަގު ފުރާލައި މެޓާ ބަހަން ފެށުމާއެކު ކުޑަކުދިންތައް ތިބީ އުފަލުން ފުރިފައެވެ.

މިރޭ 8:30 ހާއިރު ރަސްފަންނު ސަރަހައްދުން ފެށި ފުޅަނދުތައް ބަލާލުމަށްޓަކައި އާންމުންނާއި ކުޑަކުދިން އެއްވެ މުޅި މަޖީދީމަގުގެ ދެ ފަރާތް ވެސް އޮތީ ފުރާލައިފައެވެ. ޑިސްޕިކެބަލް މީ ފަދަ ކުޑަކުދިންގެ މެދުގައި މަޝްހޫރު ކާޓޫންތަކުގެ ކެރެކްޓާތަކުގެ އިތުރުން މަގްބޫލު މައިންކްރާފްޓް ގޭމް ރަމްޒުކޮށްދޭ ކެރެކްޓަރުތަކާއި ފުޅަނދެއް ވެސް މިރޭގެ ފުޅަނދުބުރުގައި ވަނީ ދައްކާލައިފައެވެ.

މި ފުޅަނދުބުރުގައި އެންމެ ފާހަގަކުރެވޭ ފުޅަނދުތަކަކީ:

އެޗްޑީސީގެ ފުޅަނދު:

އެޗްޑީސީގެ ފުޅަނދުން ބައެއް: މި ފުޅަނދުން ރަމްޒުކޮށްދެނީ މައިންކްރާފްޓް --- ސަން ފޮޓޯ: މޫސާ ނަދީމް

ކުޑަކުދިންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ހުޅުމާލޭގެ ބެލެނިވެރި ކުންފުނި ކަމަށްވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފުޅަނދަށެވެ. މި ފުޅަނދު ތައްޔާރުކޮށްފައި ވަނީ މިހާރު އެންމެ މަގުބޫލު ބިލްޑް އެންޑް ސިމިއުލޭޝަން އެއް ގޭމުކަމަށްވާ މައިން ކްރާފްޓް ރަމްޒުކޮށްދޭ ގޮތަށެވެ.

އެޗްޑީސީން 15 ދުވަހުގެ ތެރޭ މި ފުޅަނދު ފަރުމާކޮށްފައިވަނީ ޕްލައިވުޑާއި ވެލްޑްކުރި ދަގަނޑު ބޭނުންކޮށްގެންނެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުރިއަށް ގެންދާ ފުޅަނދުބުރު. ފުޅަނދުބުރުގައި ކުޑަކުދިން ގަޔާވާފަދަ ގިނަ ކާޓޫން ކެރެކްޓާތައް ފެނުނުއިރު، ގިނަ ބަޔަކު ވަނީ މި ފުޅަނދުބުރު ބެލުމަށް މަގުތަކަށް އެއްވެފައި. ފޮޓޯ/ މޫސާ ނަދީމް

މި ފުޅަނދުގައި ހުޅުމާލޭގެ ތިން ފިޔަވަހި ރަމްޒުކޮށްދެއެވެ. އެގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުންނަ ރުނބައާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލައިދޭ ބްރިޖާއި، ފައިނޭންޝަލް ޑިސްޓްރިކްޓަކަށް ހަދާ ތިންވަނަ ފިޔަވަހީގެ ރަމްޒީ ތިން އިމާރާތް މި ފުޅަނދުން ދައްކުވައިދެއެވެ. ފުޅަނދު ކައިރީގައި މައިންކްރާފްޓްގެ ކެރެކްޓާތައް ހަރަކާތްތެރިވަމުން ދެއެވެ.

އާރުޑީސީގެ ފުޅަނދުބުރު:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ފުޅަނދުން ފެންނަނީ ބޮޑެތި މީހުންނާއި ކުޑަކުދިންގެ މެދުގައި މަޝްހޫރު "ޑިސްޕިކެބަލް މީ" ކާޓޫނުގެ ބައެއް ކެރެކްޓާތަކެވެ. ފުޅަނދުގެ އެންމެ ކުރިން ފެންނަނީ ޑިސްޕިކެބަލް މީ ގެ ގްރޫ އާއި ވެކްޓާ ފަދަ ކެރެކްޓާތަކެވެ. ފަހަތުން ފެންނަނީ ގްރޫގެ "ގްރޫމޯބިލް"އެވެ.

އާރުޑީސީގެ ފުޅަނދުން ފެންނަ ޑިސްޕިކެބަލް މީ ގެ ބައެއް ކެރެކްޓާތައް: ފަހަތުގައި ގްރޫ، އެންމެ ކަނާތައް ވެކްޓާ --- ސަން ފޮޓޯ: މޫސާ ނަދީމް

އޭގެ ފަހަތުން "މިނިއަން"ތަކާ އެކު ގްރޫގެ ގެ ވެސް ދައްކައިލައެވެ. މަތީގައި ހަރުކޮށްފައިވަނީ ހަނދެވެ.

މިއީ އަށް ދުވަހުގެ ތެރޭ ނިންމި ފުޅަނދުބުރެކެވެ. މި ފުޅަނދުގެ ކެރެކްޓާތަކާއެކު ގިނަ ކުދިން ވަނީ ފޮޓޯނަގާފައެވެ.

އެސްޓީއޯގެ ފުޅަނދުބުރު:

އެސްޓީއޯގެ ފުޅަނދުގައި ކާޓޫނު ކެރެކްޓާތައް ހުއްޓަސް، ތަފާތުވަނީ ގިނަ މަޝްހޫރު ކެރެކްޓަރުތަކެއް އެއްފަހަރާ ދައްކުވައިދޭތީއެވެ. ދެ ހަފުތާގެ ތެރޭ ނިންމި މި ފުޅަނދު ފަރުމާކޮށްފައިވަނީ "ޑިސްނީ ކާސްލް"ގެ ސިފައަށެވެ. އެ ކާސްލްގެ މަތީގައި ހުރި ދިދަތައް ރަމްޒުކޮށްދެނީ އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި އާއި އެލައިޑް އިންޝުއަރެންސްގެ އިތުރުން އެމްއެސްއެސްއެވެ.

މި ފުޅަނދުބުރުގައި ހިމެނޭ ކާޓޫން ކެރެކްޓާތަކުގެ ތެރޭގައި މޮންސްޓާސް އިންކް ގެ ޖޭމްސް ސަލިވަން އާއި ސްޓިޗް އާއި މިކީ މައުސް އާއި މިނީ މައުސް އާއި މިނިއަންސްގެ އިތުރުން ހެލޯ ކިޓީ އާއި ކުރޯމީ ހިމެނެއެވެ.

މީގެ އިތުރުން، މި ފުޅަނދުބުރުގައި ދެން ބައިވެރިކޮށްފައިވަނީ އެމްއެންޑީއެފާއި ދިވެހި ފުލުހުންނާއި ސްޓެލްކޯ އާއި އެމްޓީސީސީގެ ފުޅަނދުތަކެވެ.

މިގޮތުން ފުލުހުންގެ ފުޅަނދަށް ބަލާލާއިރު، ފެންނަނީ ފުލުހުންގެ 911 ކޯލް ސެންޓަރާއި ފަހަތުގައި ދިވެހި ދިދައާއި ފުލުހުންގެ ދިދަތައް ހިފައިގެން ފުލުހުން ހަރަކާތްތެރިވާ މަންޒަރެވެ. އެމްއެންޑީއެފްގެ ފުޅަނދުން ދައްކުވައިދެނީ ކޯސްޓް ގާޑާއި އެއާ ކޯ އާއި ފަޔާ އެންޑް ރެސްކިއުގެ އިތުރުން ސްޕެޝަލް އޮޕަރޭޝަންސްއެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުރިއަށް ގެންދާ ފުޅަނދުބުރު. ފުޅަނދުބުރުގައި ކުޑަކުދިން ގަޔާވާފަދަ ގިނަ ކާޓޫން ކެރެކްޓާތައް ފެނުނުއިރު، ގިނަ ބަޔަކު ވަނީ މި ފުޅަނދުބުރު ބެލުމަށް މަގުތަކަށް އެއްވެފައި. ފޮޓޯ/ މޫސާ ނަދީމް

ސްޓެލްކޯގެ ފުޅަނދު ހާއްސަ ވަނީ ބާ އިންޖީނުތަކާއި ސްޕެއާތަކުން އެ ކުންފުނީގެ ފުޅަނދު ފަރުމާކޮށްފައިވުމުންނެވެ. އެގޮތުން 20 ދުވަހުން ތައްޔާރުކުރި މި ފުޅަނދުގައި ސްޓެލްކޯގެ މައި އިންޖީނުގެ ދައްކުވައިދޭއިރު، މި ފުޅަނދާ އެކީ ސްޓެލްކޯއިން އާންމުންނަށް ދޭ ހިދުމަތްތަކާއި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށްދޭ ލަވައެއް ހުށަހަޅައިދިނެވެ.

ސްޓެލްކޯގެ ފުޅަނދުގެ ތެރެއިން -- ފޮޓޯ/ މޫސާ ނަދީމް

އެމްޓީސީސީގެ ފުޅަނދުން ފެންނަނީ އެ ކުންފުނިން އޮޕަރޭޓްކުރާ އާރުޓީއެލްގެ ޒަމާނީ ފެރީއެކެވެ. އެއް މަސްދުވަހުން ތައްޔާރުކުރި މި ފުޅަނދުބުރުގެ ފަހަތުގައި ދިވެހި ސަގާފީ ހެދުމުގައި އެ ކުންފުނީގެ މުވައްޒަފުން ތިބިއިރު މި ފުޅަނދުބުރުން އެމްޓީސީސީއަކީ "ދިވެހީންގެ ފަޚުރެއް"ގެ ގޮތުގައި ދައްކުވައިދެއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ގިނަ މީހުންނާއި ކުޑަކުދިންގެ ސަމާލުކަން އަބަދު ވެސް ހޯދާ އެއް ހަރަކާތަކަށް ވެފައިވަނީ ފުޅަނދުބުރުގެ ހަރަކާތްތަކެވެ. މިދިޔަ އަހަރު ބޭއްވި ފުޅަނދު ބުރު ވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ހޯދިއެވެ.

comment ކޮމެންޓް