ޕަރޭޝާ ޖެހުނު 'މައްސަލަ'އަކީ ސަމާލުކަން ހޯދަން ކުރި ކަމެއް ނޫން: އަކްޝޭ

ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު--ފޮޓޯ/މިޑްޑޭ

ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފްރެންޗައިސް "ހެރާ ޕެރީ"ގެ ތިންވަނަ ފިލްމުން އެކްޓަރު ޕަރޭޝް ރާވަލް ވަކިވި މައްސަލައަކީ ފިލްމަށް އާއްމުންގެ ސަމާލުކަން ހޯދުމަށް ކުރި ކަމެއް ނޫން ކަމަށް އަކްޝޭ ކުމާރު ބުނެފިއެވެ.

ފިލްމު "ހެރާ ޕެރީ 3"އަށް ސޮއިކުރިތާ މަސްތަކެއް ހޭދަވި ފަހުން އެ ފިލްމުގެ ކާސްޓުގައި ހިމެނޭ އެންމެ މުހިންމު ތަރި ޕަރޭޝް ރާވަލް ފިލްމުން ކުއްލި ގޮތަކަށް ވަކިވުމާ އެކު އަކްޝޭ ވަނީ ޕަރޭޝްއަށް ދައުވާ ކުރާނެކަން އިއުލާނުކޮށްފައެވެ.

އަކްޝޭ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އެ ފިލްމުން ޕަރޭޝް ވަކިވީ އެއްވެސް މީހަކަށް އެކަން އެންގުމެއް ނެތިއެވެ. އެހެންވެ، ފިލްމަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ޕަރޭޝްއަށް އަޅާނެ ކަމަށް އަކްޝޭގެ ޓީމުން އެކްޓަރަށް އޭރު އެންގިއެވެ.

ފިލްމު "ހެރާ ޕެރީ 3"ގެ ލީޑް އެކްޓަރުން ކަމަށްވާ ސުނިލް ޝެޓީ، ޕަރޭޝް ރާވަލް އަދި އަކްޝޭ ކުމާރު--ފޮޓޯ/ޕިންކްވިލާ

ނަމަވެސް، މިދިޔަ މަހުގެތެރޭ ޕަރޭޝް ވަނީ ފިލްމުގެ ކާސްޓާ އަލުން ގުޅުނުކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އެ ޚަބަރާ އެކު ގިނަ ބަޔަކު ބުނެފައިވަނީ އަކްޝޭއާއި ޕަރޭޝްއާ ދެމެދު ހިނގި ނުތަނަވަސްކަމަކީ ހަގީގަތުގައި ޕަބްލިސިޓީ ސްޓަންޓެއް ކަމަށެވެ.

އެ ކަމަށް ރައްދުދެމުން 'ދަ ރައިޓް އޭންގަލް'އަށް އަކްޝޭ ދިން އިންޓަވިއުއެއްގައި ބުނީ، ގާނޫނީ މައްސަލަތަކަކީ ޕަބްލިސިޓީ ސްޓަންޓެކޭ ނުބުނެވޭ ކަމަށެވެ. ސަބަބަކީ ގާނޫނީ ދާއިރާއަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައަށް ވަކި ގޮތެއް ނިންމުމަކީ އަމިއްލައަށް ކުރެވޭނެ ކަމަކަށް ނުވަތީ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ހެރާ ޕެރީ 3" އަކީ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ ފިލްމެކެވެ. މި ފްރެންޗައިސްގެ ތިންވަނަ ފިލްމަށް ޕަރޭޝް ރާވަލް އެނބުރި އައުމަކީ ބެލުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

comment ކޮމެންޓް