ހާދިސާތަކާއި ހަނގުރާމައިގެ މައިދާނުގައި ވަގުތުން ބޭނުންކުރުމަށްޓަކައި ދިރާސާވެރިން އާޓިފިޝަލް ލެޔެއް އުފައްދައިފިއެވެ.
އެމެރިކާގެ ޔުނިވާސިޓީ އޮފް މެރީލެންޑްގެ ލެބޯޓަރީއެއްގައި ދިރާސާވެރިންގެ ޓީމަކުން ދަނީ ކުއްލި ހާލަތުގައި ދެވޭ ފަރުވާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ، ހޮސްޕިޓަލާ އެތައް މޭލެއް ދުރުގައި ތިބޭ މީހުންނަށް ފުރާނަ ސަލާމަތްކުރުމަށްޓަކައި ލޭ ފޯރުކޮށްދިނުމެވެ.
އެ މީހުންގެ މިއާ އީޖާދަކީ ފިނިކުރުމެއް ނެތި ޕައުޑަރެއްގެ ސިފައިގައި ގެންގުޅެވޭ އާޓިފިޝަލް ލެޔެކެވެ. މީގެ ސަބަބުން ހާދިސާތައް ހިނގާ ތަންތަނަށާއި ހަނގުރާމައިގެ މައިދާންތަކަށް ފަރުވާ ފޯރުކޮށްދެވި، ގިނައިން ލޭ ފައިބައިގެން މަރުވާ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށް ސައިންސްވެރިންނާއި އަސްކަރީ އޮފިޝަލުން އުންމީދުކުރެއެވެ.
މި އާޓިފިޝަލް ލޭ އުފައްދަނީ މުއްދަތު ހަމަވެފައިވާ ލެއިން، ހަށިގަނޑުގެ އެކި ހިސާބުތަކަށް އޮކްސިޖަން ފޯރުކޮށްދޭ މޮލިކިއުލް ކަމަށްވާ "ހިމޮގްލޯބިން" ނެގުމަށް ފަހުގައެވެ. ދެން މި ހިމޮގްލޯބިން، ފެޓްގެ ރައްކާތެރި ފަށަލައަކުން ނިވާކޮށް، އާޓިފިޝަލް ރަތް ސެލްތަކެއް އުފައްދައެވެ.
މި ދިރާސާގެ އިސް ސައިންސްވެރިޔާ ޑރ. އެލަން ވިދާޅުވާ ގޮތުގައި ހިމޮގްލޯބިން ސީދާ ހަށިގަނޑަށް އެޅުމުން ވިހަވެދާނެތީ، މިގޮތަށް އާޓިފިޝަލް ސެލްއެއްގެ ތެރޭގައި ރައްކާކުރުމުން އެއީ ރައްކާތެރި އަދި އަސަރުކުރުވަނިވި އެއްޗަކަށް ވެއެވެ.
މި އާޓިފިޝަލް ލޭގެ އެންމެ ޚާއްސަ އެއް ސިފައަކީ ފްރީޒް-ޑްރައިކޮށް ޕައުޑަރަކަށް ހެދުމުން ފިނިކުރުމަކާނުލައި އަހަރުތަކެއް ވަންދެން ރައްކާކޮށްފައި ބެހެއްޓޭ ކަމެވެ. އަދި، ކުއްލި ހާލަތެއްގައި ބޭނުންކުރަން ޖެހިއްޖެނަމަ ފެންފޮދެއް އަޅައި ގިރުވާލުމުން ވަގުތުން ލޭ ތައްޔާރުވެއެވެ. މީގެ ސަބަބުން ހާދިސާ ހިނގި ތަނަށް ގޮސް ފަރުވާ ދިނުން ވަރަށް ބޮޑަށް ފަސޭހަވެއެވެ.
މި ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކޮށް، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްއިން ވަނީ "އެރިތްރޯމާ"ގެ ނަމުން ނަން ދީފައިވާ މި އާޓިފިޝަލް ލޭ އުފެއްދުމަށް 58 މިލިއަނަށްވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފައެވެ.
"ހަނގުރާމައިގެ މައިދާނުގައި ހުއްޓުވިދާނެ އެންމެ އާންމު މަރުގެ ސަބަބަކީ އަދިވެސް ގިނައިން ލޭފައިބައިގެން މަރުވުން،" ޕްރޮޖެކްޓް މެނޭޖަރެއް ކަމަށްވާ ކާނަލް ޖެރެމީ ޕެމްޕްލިން ވިދާޅުވިއެވެ.
ދިރާސާވެރިން ވަނީ އެތައް ސަތޭކަ ބައެއްގެ ސާމްޕަލްތައް ބޭނުންކޮށްގެން މި އާޓިފިޝަލް ލޭ ޓެސްޓުކޮށްފައެވެ. ޓެސްޓުކުރުމުގެ ގޮތުން ގިނަ އަދަދަކަށް ލޭ ފައިބައިގެން ހާލު ދެރަވެފައިވާ ސާމްޕަލްއެއްގެ ހަށިގަނޑަށް މި ލޭ އެޅުމުން، އޭގެ ހާލަތު ވަރަށް އަވަހަށް ރަނގަޅުވެ، ހަށިގަނޑުގެ މުހިންމު ނިޝާންތައް އެއް ހަމައެއްގައި ހިފެހެއްޓި، އާންމު ހަރަކާތްތަކަށް އެނބުރި އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.
"މި އެއްޗެއް މިހާ އަވަހަށް މަސައްކަތްކުރާތަން ފެނުމުން ހައިރާންވޭ،" ޑރ. އެލަން ވިދާޅުވިއެވެ.
ނަމަވެސް، މިހާތަނަށް އައިއިރު ހޯދިފައިވާ ނަތީޖާތައް އުންމީދީ ކަމުގައި ވިޔަސް އިންސާނުން ބޭނުންކޮށްގެން ބޮޑެތި ޓެސްޓުތައް އަދި ފަށާފައެއް ނުވެއެވެ. ޑރ. އެލަން ވިދާޅުވި ގޮތުގައި އެމެރިކާގެ ފުޑް އެންޑް ޑުރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ހުއްދަ ހޯދުމަށް މި ލޭގެ ރައްކާތެރިކަމާއި އަސަރުކުރުވަނިވިކަން ސާބިތުކޮށްދޭން ޖެހެއެވެ.
މި ދާއިރާގެ ބައެއް ތަޖުރިބާކާރުން އަދިވެސް ތިބީ ޔަގީންކަމެއް ނެތިއެވެ.
"މި ކަމުގެ ހަގީގަތް އެނގޭނީ އިންސާނުންނަށް ޓެސްޓުކުރަން ފެށުމުން،" މި ދާއިރާގެ ސައިންޓިފިކް ކޮންސަލްޓެންޓެއް ކަމަށްވާ ޓިމް އެސްޓެޕް ވިދާޅުވިއެވެ.
ޖަޕާނުގެ ޓީމަކުން މިފަދަ އުފެއްދުމެއް އިންސާނުންނަށް ޓެސްޓުކުރަމުން ދިޔަ ނަމަވެސް މި އީޖާދު ބާޒާރަށް ނެރުމަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ.