ބޮލީވުޑްގެ ފިލްމީތަރިން ކަމަށްވާ އަކްޝޭ ކުމާރާއި އަރުޝަދު ވަރްސީ މުހިންމު ރޯލެއް ކުޅޭ ފިލްމު "ޖޮލީ އެލްއެލްބީ 3" މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފިއެވެ.
ހެއްވާ މަޖާ ހާދިސާތަކެއް ބެލުންތެރިން ތަޖުރިބާކުރާނެ މި ކޯޓު ޑްރާމާ ރިލީޒްކުރަން ނިންމާފައިވަނީ ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހެވެ. ފިލްމު "ޖޮލީ އެލްއެލްބީ"ގެ ދެ ބައި މީގެ ކުރިން ގެނެސްދީފައިވާއިރު މިއީ ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ކޮމެޑީ ޑްރާމާއެކެވެ.
މި ފިލްމުގެ ތިންވަނަ ބައިގައި ވެސް ގެނެސްދެނީ ގާނޫނީ މައްސަލަތަކެއް ކަމަށާއި ނަމަވެސް ކުރީގެ ދެ ބަޔަށްވުރެ ފިލްމު "ޖޮލީ އެލްއެލްބީ 3" މާ ބޮޑަށް ވެސް ޝައުގުވެރިވާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ޖޮލީ އެލްއެލްބީ"ގެ މަންޒަރެއްގައި އަމްރީތާ އަދި އަރުޝަދު--ފޮޓޯ/ޕިންކްވިލާ
މި ފިލްމުގެ ޚާއްސަ ޓީޒާއެއް އަންނަ މަހު 14ގައި ރިލީޒްކުރާ ފިލްމު "ވޯ 2"ގައި ހިމަނާލަން ނިންމާފައިވާއިރު މިއީ މި އަހަރު ތެރޭ ރިލީޒްކުރާ އަކްޝޭގެ ހަތަރުވަނަ ފިލްމެވެ.
އަކްޝޭއާއި އަރުޝަދުގެ އިތުރުން "ޖޮލީ އެލްއެލްބީ 3"އިން ސޯރަބް ޝުކްލާ، ހުމާ ގުރައިޝީ އަދި އަމްރީތާ ރާއޯ މުހިންމު ރޯލްތަކުން ފެންނާނެއެވެ.
މި ފިލްމުގެ ޚާއްސަ ޕްރޮމޯޝަން ކެމްޕޭނެއް މިފެށޭ އޮގަސްޓް މަހު ތެރޭ ފަށަން ނިންމާފައިވާއިރު މިއީ މި ފްރެންޗައިސްގެ ފިލްމެއް އެހާ ފުޅާދާއިރާގައި ގްރޭންޑްކޮށް މާކެޓްކުރަން ހިންގާ ފުރަތަމަ ކެމްޕޭން ކަމަށް ރިޕޯޓުތައް ބުނެއެވެ.