ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށާއި ފަސް ދުވަސް ވަންދެން ދެކުނަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މިއަދު ލަފާކޮށްފިއެވެ.
މެޓުން "ސަން"އަށް ބުނީ، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށެވެ. އޭގެ ތެރެއިން ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ދެމިގެން ދާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ބުރާސްފަތި ދުވަހުން ފެށިގެން ކުޑަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
މި އަހަރު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދާ ހަމައަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ. މިނިވަން ދުވަސް ދިމާވީ ހޮނިހިރު ދުވަހަކަށް ކަމުން މި މަހުގެ 25 ވީ ހުކުރު ދުވަހުން ފެށިގެން ހަތަރު ދުވަހުގެ ބަންދެއް ސަރުކާރު މުވައްޒަފުންނަށް ވަނީ ލިބިފައެވެ.
އެހެންވެ، ގިނަ އަދަދެއްގެ މީހުން މި ބަންދުގައި ރަށްރަށަށް ދަތުރުކުރިއެވެ. އަލުން ސަރުކާރު ހުޅުވޭނީ މާދަމާއެވެ.
ހަމަ އެއާއެކު މެޓުން ލަފާކުރާ ގޮތުގައި އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ފަހުން އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާއިރު، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި މަޑުވާނީ ހުކުރު ދުވަހުން ފެށިގެންނެވެ.
މެޓުން ލަފާކުރާގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކޮށް، ދެކުނުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ. އުތުރުގެ ރަށްތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު ހަތް މޭލާއި 17 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެޓުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، އިއްޔެ ހެނދުނު 8 އިން ފެށިގެން މިއަދު ހެނދުނު 8 އަށް އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ކާޑެއްދުއަށެވެ. އެގޮތުން ކާޑެއްދުއަށް 33.7 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ފުވައްމުލަކަށް 22.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް، އެ މައުލޫމާތުގައި ވެއެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން، މިއަދު ފުސް ނަކަތް ނިމި، އަހުލިހަ ނަކަތް މާދަމާ ފަށާނެއެވެ. ނަކަތް ކަލަންޑަރުގައިވާ ގޮތުން ފުސް ނަކަތަށް ވުރެ އަހުލިހަ ނަކަތުގެ ދުވަސްތަކުގައި ވިއްސާރަ މަޑުވެ، މޫސުން އާންމުގޮތެއްގައި ރަނގަޅުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މީގެ ހަފްތާއެއް ކުރިން ކުރި ވިއްސާރައިގައި ހއ. މުރައިދޫގައި މީހުން ދިރިއުޅޭ ތިން ގެއަކާއި ކައުންސިލް އިދާރާގެ ފުރާޅު އެއްލާލާފައިވެއެވެ.