އިނގިރޭސީން އަންހެން ޔޫރޯގެ ތަށި ދިފާއުކޮށްފި

ސްވިޓްޒަލަންޑްގައި ކުރިއަށްދިޔަ ޔުއޭފާ ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިނގިރޭސިވިލާތުން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އިނގިރޭސީން ހޯދީ ބާޒެލްގެ ސެއިންޓް ޖޭކޮބް ޕާކްގައި ކުޅުނު ފައިނަލް މެޗުގައި ދުނިޔޭގެ ޗެމްޕިއަން ސްޕެއިނާއި ބައްދަލުކޮށް 1-1 އިން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައިވަނީ ސްޕެއިނުންނެވެ. އެ ޓީމުންވަނީ 25 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ވެސް ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މަރިއޯނާ ކަލްޑެންޓޭއެވެ. މި ހާފުގައި ސްޕެއިންއަށްވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ވެސް ލިބިފައެވެ. ނަމަވެސް، އިނގިރޭސީންގެ ޑިފެންސް ކުރަމުންދިޔަލެއް ވަރުގަދަކަމުން އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މެޗުގައި އިނގިރޭސީންގެ ކުޅުމަށް ބަދަލެއް އައިތަން ފެނުނީ ދެވަނަ ހާފުގައި ލައުރެން ޖޭމްސްގެ ބަދަލުގައި ކްލޯއި ކެލީ އެރުވި ހިސާބުންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި ކެލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އަލޭސިއާ ރޫސޯ އިނގިރޭސީންނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު ވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓި ޝޫޓް އައުޓްގައި އިނގިރޭސީންގެ ފުރަތަމަ ޕެނަލްޓީ ބެތު މީޑް ޖެހުމުން ނާކާމިޔާބުވިއިރު ސްޕެއިންގެ ފުރަތަމަ ޕެނަލްޓީ ވަނީ ޕެޓްރީޝިއާ ގުހާރޯ ކާމިޔާބުކޮށްފައެވެ. ނަމަވެސް، އިނގިރޭސީން ދެން ޖެހި ދެ ޕެނަލްޓީ ކާމިޔާބުކުރިއިރު ސްޕެއިނުން ދެން ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. މީގެ ތެރެއިން ދެ ޕެނަލްޓީވަނީ އިނގިރޭސި ކީޕަރު ހަނާ ހެމްޕްޓަން ދިފާއުކޮށްފައެވެ.

ޕެނަލްޓީ ޝޫޓް އައުޓް އިނގިރޭސީންނަށް ކާމިޔާބުކޮށްދިނީ ކެލީއެވެ. އޭނާއަކީ 2022 ވަނަ އަހަރު ބޭއްވި ޔޫރޯގެ ފައިނަލްގައި ވެސް އެ ޓީމު މޮޅުވި ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

މި ކާމިޔާބީއާ އެކު އިނގިރޭސި އަންހެން ޓީމުން ޔޫރޯ މުބާރާތް ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކޮށް، ތަށި ދިފާއުކޮށްފައިވާއިރު މިއީ އެ ގައުމުން ބޭރުގައި ކުޅެ ބޮޑު މުބާރާތެއްގެ ތަށި އިނގިރޭސީންނަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި، މިއީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވި ބަލިވުމަށް ލިބުނު ރަނގަޅު ކާމިޔާބީއެކެވެ. މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ފަރަންސޭސިވިލާތް އަތުން ބަލިވި އިނގިރޭސީންވަނީ ނޮކް އައުޓް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް ފަހަތުން އަރާ މޮޅުވެފައެވެ.

comment ކޮމެންޓް