އާއިލީ ގޮތުން ގުޅުން އޮތް ނަމަވެސް ފިލްމީ ތަރިން ކަމަށްވާ އާލިއާ ބަޓްއާއި އިމްރާން ހާޝްމީއަށް ފިލްމެއް ހުށަހެޅުމުގެ ގާބިލުކަން އަދި ނެތް ކަމަށް ޑައިރެކްޓަރު މޯހިތު ސޫރީ ބުނެފިއެވެ.
ދާދި ފަހުން ޒޫމްއަށް ދިން އިންޓަވިއުއެއްގައި ފިލްމު "ސައްޔާރާ"ގެ ޑައިރެކްޓަރު ވަނީ އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ އާލިއާއާއި އިމްރާނުގެ އެކްޓިން ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
އެ ދެ ތަރިންނަކީ ފިލްމު އިންޑަސްޓްރީގެ އޭ ލިސްޓު ތަރިންގެ ތެރޭ ގުނާލެވޭ އެކްޓަރުންނަށްވީ ނަމަވެސް އާލިއާއާއި އިމްރާންގެ އެކްޓިން ހުނަރާ އެއް ލެވެލްގެ ސްކްރިޕްޓެއް ތައްޔާރުކުރުމުގެ ހުނަރު މޯހިތުގެ އަދި ނެތް ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އެ ދުވަހެއް އައިސްފިނަމަ އާލިއާ އަދި އިމްރާނާ އެކު މަސައްކަތްކުރުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެން ކާމިޔާބުވާނެ ދުވަސް ކަމަށް މޯހިތު ވަނީ ބުނެފައެވެ.

ޑައިރެކްޓަރު މޯހިތު ސޫރީ އާއި އާއިލީ ގޮތުން ގުޅުން އޮންނަ ފިލްމީ ތަރިން ކަމަށްވާ އާލިއާ ބަޓް އަދި އިމްރާން ހާޝްމީ--ފޮޓޯ/ޕިންކްވިލާ
އާލިއާއާއި އިމްރާނަކީ މޯހިތުއާ ދެބެއިންގެ ދެ ދަރި މީހުންނެވެ. އެހެނޭ ކިޔާފައި އާލިއާއާއި ރަންވީރުގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ އޭނާ ކުރާނެ ކަމެއް ނޫން ކަމަށް މޯހިތު ވަނީ ޒޫމް ޗެނަލްއަށް ދިން އިންޓަވިއުގައި ބުނެފައެވެ. މޯހިތު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ބޮކްސް އޮފީހުގައި ރިކޯޑު އަދަދަކަށް ކާމިޔާބު ހޯދަމުން އަންނަ ފިލްމު "ސައްޔާރާ"އެވެ.
މި މަހުގެ 18 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފެށި މި ފިލްމު ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭ އާމްދަނީގެ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު ބޮކްސް އޮފީހުގެ 200 ކްރޯޑު ކްލަބުން ޖާގަ ހޯދާފައެވެ.
އަހާން ޕަންޑޭ އަދި އަނީތު ޕައްޑާ ލީޑް ރޯލް ކުޅެފައިވާ ފިލްމު "ސައްޔާރާ"އަށް ލިބެމުން އަންނަ ކާމިޔާބީއާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަބަޔަކު އަންނަނީ އެކަމާ އުފާ ފާޅުކުރަމުންނެވެ. ފިލްމު "ސައްޔާރާ"އަކީ ޕްރޮޑަކްޝަން ކުންފުނި ވައިއާރްއެފްއާއި ގުޅިގެން މޯހިތު ގެނެސްދިން ފިލްމެކެވެ.