ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ތަޒްކިޔާގެ ގައުމީ ރިކޯޑެއް

ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ތަޒްކިޔާގެ ގައުމީ ރިކޯޑެއް --

އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު އަމްނާ ތަޒްކިޔާ މިރުސާދު އައުކޮށްފިއެވެ.

އުމުރުން 14 އަހަރުގެ ހުނަރުވެރި ފެތުންތެރިޔާ މި ރިކޯޑު އައުކޮށްފައިވަނީ މިހާރު ސިންގަޕޫރުގައި ކުރިއަށްދާ 22ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައެވެ.

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގައި ތަޒްކިޔާ ގައުމީ ރިކޯޑް އައުކޮށްފައިވަނީ 01:13.49ގެ ޓައިމިންއަކުންނެވެ.

މި އިވެންޓްގެ ގައުމީ ރެކޯޑު އެންމެފަހުން އޮތީ ފެތުންތެރިޔާ، ހަމްނާ އަޙްމަދު އަތުގައެވެ. ހަމްނާ މި ރިކޯޑު ހެދީ މިދިޔަ އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ 59ވަނަ މައިލޯ އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައެވެ.

މުބާރާތުގެ އެ އިވެންޓްގައި ހަމްނާ ރިކޯޑު ހެދީ 01:17.69 އިންނެވެ. ތަޒްކިޔާއަކީ އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެއް ފެތުންތެރިޔާއެވެ.

ވޯލްޑް އެކުއަޓިކްސް މުބާރާތުގައި ރާއްޖޭގެ ފެތުންތެރިޔާ މިރާލް އައިން ލަތީފު ވެސް ވަނީ ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު އައުކޮށްފައެވެ.

comment ކޮމެންޓް