ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުން ހިމެނޭހެން ރާއްޖެއާއި ލަންކާއާ ދެމެދު ދެ އެއްބަސްވުމެއް

ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުން ހިމެނޭހެން ރާއްޖެއާ ސްރީ ލަންކާއާ ދެމެދު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައީސް އޮފީހުގައި ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައި ވަނީ،

  1. ފޮރިން މިނިސްޓްރީއާއި ބަންޑާރަނަޔަކެ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓް ގުޅިގެން ޑިޕްލޮމެޓިކް ޓްރެއިނިން ދިނުން: މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ތަފާތު ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބޭނެއެވެ. އަދި މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ ދެ ގައުމުގެ ދެމެދުގައި ހިއްސާކުރުމަށް ވެސް މަގުފަހިވާނެއެވެ.
  2. ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދިނުން: މި ޓްރީޓީގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުންކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ޓްރިޓީގެ ދަށުން، އެ އުމެއްގެ ގާނޫނުތަކާއި ގާވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި މި ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގަ އެހީތެރިކަން ދޭންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

އަދި މައްސަލަ ތަހުގީގުކުރުމުގައާއި ޝަރީއަތް ހިންގުމުގައާއި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގަ އެހީތެރިކަން ދިނުން ހިމެނެއެވެ. މިޓްރިޓީގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެ ގައުމެއްގަ ގާއިމްކޮށްފަވާ ސެންޓްރަލް އޮތޯރިޓީން ކަމަށް ބަޔާންކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭން ލަންކާއާ ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. އެހެންކަމުން މި އަހަރު ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭނެއެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

comment ކޮމެންޓް