ސްރީ ލަންކާއަށް ބޭސް ފަރުވާއަށް ދާ ދިވެހީންނަށާއި އެ ގައުމުގައި ކިޔެވުމަށް އަދި ވަޒީފާ އަދާކުރުމަށް އުޅޭ ދިވެހީންގެ އަނބިން ނުވަތަ ފިރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދިނުމަށް އެ ގައުމުން ނިންމާފައި ވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަކަ މިވަގުތު ހުންނެވީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖޭގައެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނާ ދެބޭފުޅުން ދެއްވި ބަޔާނެއްގައެވެ. ރައީސް ވަނީ މި ނިންމުމާ ގުޅިގެން އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
އިތުރަށް ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި ގިނަ ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ.
އެ ދާއިރާތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ވިޔަފާރިއާއި، ތައުލީމާއި، ދިފާއީ ދާއިރާއާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާ ގުޅުން ހުރި ކަންކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއެވެ.
ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު އެއްބަސްވުންތަކާއި މަޝްވަރާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެއިތުރަށް، ޖިނާއީ ކުށްތައް ހުއްޓުވުމަށް ސޮއިކުރި އެއްބަސްވުމާއެކު، އެފަދަ މައްސަލަތައް މަދުކުރުމަށް އެހީވެދޭނެ ކަމަށާއި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބޭނުންވާ ތަމްރީނު ދޭން ސޮއިކުރި އެމްއޯޔޫއިން އެ ދާއިރާއިން އިތުރު ތަމްރީނު ފުރުސަތުތައް ހުޅުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭން ލަންކާއާ ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. އެހެންކަމުން މި އަހަރު ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭނެއެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޑިސަނަޔަކަ ރާއްޖޭގައި ހުންނަވާނެއެވެ.