އިންޑިއާއާ ވަކިން އޮންނަ, އެގައުމުގެ ރަށްތަކެއް ކަމަށްވާ ނިކޮބާ އައިލެންޑްސްއަށް ރިކްޓާ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު ލޮޅުމެއްގެ އަސަރު ރާއްޖެއަށް ވެސް ކުރި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މި ބިންހެލުން ރޭ އައީ ރާއްޖެ ގަޑިން 23:41 ހާއިރުއެވެ.
ބިންހެލުމާ ގުޅިގެން ރޭ މެޓުން ބުނީ، އެ ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ނަމަވެސް މިއަދު އެ އޮފީހުން ބުނީ ބިންހެލުމާ ގުޅިގެން ލޮޅުމެއް އައި ކަމުގެ ރިޕޯޓުތައް ލިބުނު ކަމަށެވެ. އެ އިހުސާސް މާލެ އާއި ހުޅުމާލެއަށް ކުރެވުނު ކަމަށް މެޓުން ބުނެއެވެ. އަދި ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ މީޓަރަށް، ރާއްޖެ ގަޑިން ރޭ 23:48 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ރިކޯޑުކުރެވުނު ކަމަށް މެޓުން ބުންޏެވެ.
އެހެންނަމަވެސް އެކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މެޓުން ބުންޏެވެ.
ބިންހެލުން އައި ސަރަހައްދަކީ މާލެއާ 2215 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ. މީގެ ކުރިން ވެސް މި ސަރަހައްދަށް ބިންހެލުންތައް އައިސްފައިވެއެވެ.
މީގެ ކުރިން ވެސް ރާއްޖެއާ ކައިރި ސަރަހައްދުތަކަށް ބިންހެލުން އައުމުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމުގެ އަސަރު ކޮށްފައިވެއެވެ.