މުޅިން އާ ފިލްމީ ތަރިންތަކެއް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "އަންދާޒު 2"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި ފިލްމަކީ މީގެ 22 އަހަރުކުރިން ބޮލީވުޑްގެ މަޝްހޫރު ތަރިންތައް ކަމަށްވާ އަކްޝޭ ކުމާރު، ޕްރިޔަންކާ ޗޯޕްރާ އަދި ލާރާ ދައްތާ ހިމަނައިގެން ގެނެސްދިން ފިލްމު "އަންދާޒް"ގެ ސީކުއަލްއެކެވެ. ފިލްމު "އަންދާޒް"އަކީ ބަތަލާއިން ކަމަށްވާ ޕްރިޔަންކާއާއި ލާރާ ދައްތާ ފިލްމީ ދާއިރާއަށް ތައާރަފުކުރި ފިލްމެވެ.
އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "އަންދާޒު 2"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ފިލްމުގެ ޓްރެއިލާއަށް ވަނީ އަމާޒުވެފައެވެ. ބާވީސް އަހަރު ފަހުން "އަންދާޒް"ގެ ސީކުއަލް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނައިރު ފިލްމުގެ ޓްރެއިލާއިން އެއީ ބޮލީވުޑް ފެންވަރުގެ ފިލްމެކޭ ބުނާވަރު ނުވާ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

2003 ވަނަ އަހަރު ރިލީޒްކުރި ފިލްމު "އަންދާޒް"ގެ ޓްރެއިލާ ލޯންޗު ހަފްލާގައި ފިލްމުގެ ލީޑް ތަރިން--ފޮޓޯ/ފިލްމުފެއަ
ފިލްމު "އަންދާޒް 2"ގެ ޓްރެއިލާ އަކީ ވަރަށް އާދައިގެ ބަޖެޓަކުން އުފައްދާފައިވާ އާދައިގެ ސީރީސްއަކާ ވައްތަރު ކަމަށާއި އެއްވެސް ޚާއްސަ ކަމެއް ފިލްމުގެ ޓްރެއިލާއިން ނުފެނުނު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. މުޅިއެކު ހަތަރު މިނެޓު ފިލްމުގެ ޓްރެއިލާއަށް ހޭދަކުރިއިރު އެއީ ބޭކާރު ގޮތުގައި ހޭދަކޮށްލެވުނު ވަގުތުތަކެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ކުރީގެ ފިލްމުގެ ޑައިރެކްޓަރު ސުނީލް ދަރުޝަން ލިޔެ ތައްޔާރުކޮށްފައިވާ ފިލްމު "އަންދާޒް 2"ގެ ލީޑް ތަރިންނަކީ ނަތާޝާ ފެނަންޑޭޒާއި އާޔޫޝް ކުމާރުގެ އިތުރުން އަކައިޝާއެވެ. މީގެތެރެއިން ނަތާޝާއަކީ ސުނީލް އެންމެ ފަހުން ގެނެސްދިން ފިލްމު "އޭކް ހަސީނާ ތީ، އޭކް ދިވާނާ ތާ"ގެ ރޯލަކުން ފެނުނު ބަތަލާއެކެވެ.
މި ތިން ތަރިންނަށް ފިލްމު "އަންދާޒް"ގައި އަކްޝޭއާއި ޕްރިޔަންކާ އަދި ލާރާ ދައްތާ ދެއްކި ޕާފޮމެންސާ ގާތްކުރާ މިންވަރަށް ވެސް އެކުދިންގެ ހުނަރު ދެއްކޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ޓްރެއިލާ ބެލި ގިނަ ބަޔަކު ވަނީ ބުނެފައެވެ. މި ފިލްމު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހެވެ.