ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގްއަށް މެޑްޑޮކް ފިލްމްސްގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބޮޑު ބަޖެޓަކުން އުފައްދަން ނިންމާފައިވާ ޓައިމް ޓްރެވެލް ފިލްމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދާދި ފަހުން ޑައިރެކްޓަރު އަދިތިޔާ ދަރުގެ ފިލްމު "ދުރަންދާރު"ގެ ފަސްޓް ލުކްއިން ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެކްޓަރުގެ މި ފިލްމުގެ ޑައިރެކްޓަރަކީ އަމިތު ރަވިންދްރަނާތު ޝަރުމާއެވެ. މި ފަހަކަށް އައިސް ކާމިޔާބު ގިނަ ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މި ޓައިމް ޓްރެވެލް ފިލްމަކީ މިތޮލޮޖީ ފިލްމެއް ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ރަންވީރު ސިންގް ފިލްމު "ދުރަންދާރު"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމުގެ ޝޫޓިން ރަންވީރު ފަށާނީ މި އަހަރުގެ ޑިސެންބަރު މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ދުރަންދާރު" އަދި އެކްޓަރު ސޮއިކޮށްފައިވާ ފިލްމު "ޑޮން 3"ގެ މަސައްކަތް ނިންމާލުމަށް ފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރަންވީރު އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު އަންނަ އަހަރުގެ ތެރޭ ރަންވީރު ޒޮމްބީ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމަކީ ޖޭ މެހެތާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. ދާދި ފަހުން ރަންވީރާއި ބޮބީ ޑިއޯލް ހިމަނައިގެން ބޮޑު ބަޖެޓަކުން ފިލްމެއް އުފައްދާނެ ކަމަށް މީޑިއާތަކުން ބުނެފައިވާއިރު އެ ފިލްމުގެ ބަތަލާގެ ގޮތުގައި ގެންނަން ނިންމާފައިވަނީ ސައުތު ސިނަމާ ފިލްމީ ތަރި ސްރީލީލާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެއީ ދިނޭޝް ވިޖަންގެ ފިލްމެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.