ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި އެ މެންބަރުން މަޖިލީހަށް ސްޕޮންސާކުރައްވާ ބިލުގެ އަދަދުން ނޫން ކަމަށާއި މަސައްކަތުގެ އެކި މަރުހަލާތަކުގައި މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންނަ ކަމަށް މަޖިލިސް އިދާރާއިން ރޭ ބުނެފިއެވެ.
މަޖިލީހުން އެފަދައިން ބުނެފައިވަނީ މަޖިލިސް މެންބަރުންގެ މަސައްކަތްތަކާ ގުޅޭގޮތުން މީސްމީޑިއާގައި ޝާއިއުކޮށްފައިވާ މައުލޫމާތަކާ ގުޅިގެންނެވެ. އެގޮތުން، ބައެއް މެންބަރުން މަޖިލީހުގައި އެއްވެސް މަސައްކަތެއް ނުކުރާކަން ދޭހަވާގޮތަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ޕޯސްޓްކޮށްފައިވެއެވެ.
އެ ކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި މަޖިލީހުން ބުނީ، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދަނީ ވީހާވެސް ބޮޑަކަށް އާންމުން ހޭލުންތެރިކުރުވައި، ވަކި ފަރާތަކަށް ނުޖެހި ތެދު ޚަބަރު ފޯރުކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.

6 ފެބްރުއަރީ 2025: ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި މަޖިލިސް ތަޅުމުގައި މެންބަރުން -- ފޮޓޯ: މަޖިލިސް
އެގޮތުން، މަޖިލީހުގައި މެންބަރުން ހުށަހަޅާ ބިލުތަކާއި، ގަރާރުތަކާއި، މައްސަލަތަކުގެ އިތުރުން އެ ނޫން ވެސް މަސައްކަތްތައް މަޖިލިސް ވެބްސައިޓުގައި ޝާއިއުކޮށް، ތަފާސްހިސާބުތައް ވެސް ފެންނަން ހުންނާނެ ކަމަށެވެ. އަދި، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ކުރާ މަސައްކަތްތައް ނިމޭނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ބައިވެރިވުމާ ވެސް އެކު ކަމަށް އެ އިދާރާއިން ބުންޏެވެ. މެންބަރުން ކުރާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި މެންބަރުން މަޖިލީހަށް ސްޕޮންސާކުރައްވާ ބިލުގެ އަދަދުން ނޫން ކަމަށާއި އެކި މަރުހަލާތަކުގައި މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންކަމަށް އެ އިދާރާއިން ބުންޏެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން އާންމުކުރަމުންދާ މައުލޫމާތުތައް ނަހަމަގޮތުގައި ބޭނުންކޮށް، އާންމުނަށް އޮޅުންއަރާ ގޮތަށް އެ މައުލޫމާތުތައް ބޭނުން ނުކުރުމަށް މަޖިލިސް އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މަޖިލިސް މެންބަރުންނަށް ލިބޭ މުސާރައާއި އެކަށީގެންވާ ވަރަށް މަސައްކަތްނުކުރާ ކަމަށް ބުނެ ވަރަށް ގިނައިން ވާހަކަދެކެވެއެވެ.
މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި ގިނަ ބިލުތައް ހުށަހަޅަނީ ސަރުކާރުގެ ފަރާތުންނެވެ. ނަމަވެސް, އެންމެ ގިނަ ކުއްލި މައްސަލަތަކާއި ގަރާރުތައް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީން ހުށަހަޅާ ގިނަ މައްސަލަތައް ސަރުކާރު މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.
ވަކިން ޚާއްސަކޮށް 20 ވަނަ މަޖިލިސް ފެށުނު ފަހުން ވަކި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލަ ވެސް ބޮޑެވެ. މަޖިލިސް ގަވާއިދު ބުނާ ގޮތުގައި ޗުއްޓީގައި ނޫންނަމަ ހަފުތާގެ ތިން ދުވަހު ޖަލްސާ ބާއްވަން ޖެހޭނެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ.
ނަމަވެސް، ކުރާނެ މާ ބޮޑު މަސައްކަތެއް ނެތް ކަމަށް ބުނެ ޖަލްސާތައް ކެންސަލް ކުރާކަމުގެ ކަންބޮޑުވުން ސަރުކާރާ އިދިކޮޅު މެންބަރުން ފާހަގަކުރެއެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި ބަންޑާރަނައިބުގެ އޮފީހުން މަޖިލީހަށް ފޮނުވަން ޖެހޭ އެތައް ބިލެއް ފޮނުވުމުގައި ލަސްވަނީއެވެ.
އެކަމަކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި މަޖިލީހުގެ ގިނަ މަސައްކަތްތައް ކުރިއަށް ދަނީ ވެސް ކޮމިޓީ މަރުހަލާގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.