ސަރުކާރުން ކުންފުނިތަކަށް ނުދައްކާ 13 ބިލިއަން އެބައޮތް، އިގުތިސާދު ފުނޑިއްޖެ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް: ވިދާޅުވީ ސަރުކާރުން ދަރަނި ނުދައްކާ ބިލުތައް 13 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެން ފެށި މި ދަނޑިވަޅުގައި ކުދި ވިޔަފާރިތައް ދަރަނިވެރިވެ ހަލާކުވެއްޖެ ކަމަށާއި ސަރުކާރުން ކުންފުނިތަކަށް ނުދައްކާ ބިލުތައް 13 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތާ މެދު ކަންބޮޑުވުން އޮތްއިރު ބާޒާރުމަތީގައި ތަކެތީގެ އަގުތައް ވަނީ އުފުލެން ފަށައިފައެވެ.

އެ ކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، އާފަލެއްގެ އަގު 10 ރުފިޔާއަށް އަދި ފިޔާ ކިލޯއެއްގެ އަގު 50 ރުފިޔާއަށްވުރެ މަތިވިއިރު ކާބޯތަކެއްޗަށް ދަތިވެއްޖެ ކަމަށެވެ. ބޭސް ނުލިބޭއިރު ޒަރޫރީ މުދަލުގެ އަގުތައް ވެސް އުފުލިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ޑޮލަރުގެ އަގު ހުރީ 20.20 ރުފިޔާއިން މަތީގައި ކަމަށާއި ކުދި ވިޔަފާރިތައް ދަރަނިވެ ހަލާކުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ނުދައްކާ ބިލުތައް 13 ބިލިއަން ރުފިޔާއަށް އަރައި، ރާއްޖޭގެ އިގުތިސާދު ފުނޑިއްޖެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެ ހާލަތަށް ދިޔައިރު ވެސް ގާނޫނުއަސާސީން މަނިޓަރީ ސިޔާސަތު މަތިކޮށްފައިވާ މަރުކަޒީ ބޭންކުގެ ބަހެއް ނެތުމުން ފައްޔާޒު ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

https://sun.mv/209263

އެ ކަންކަމާ ކަންބޮޑުވެ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ލިޔުމުން ބައްދަލުކުރަން އެދުމުން ބައްދަލުވާ ގޮތެއްނުވި ކަމަށާއި ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ގައުމުގެ ހާލަތު ސާފުކުރަން މަސައްކަތްކުރެއްވުމުން ފިއްލެވީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެ ގޮތުން، މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޖަވާބު ނުދޭއިރު ރައްޔިތުންނަށް ކުރީ ބޮޑު މަލާމާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، މިއީ ރައްޔިތުންގެ ހާލަތު ދަންނަ އަދި އެކަން ބަލަން ބޭނުން ސަރުކާރެއް ވެސް ނޫން ކަމަށެވެ. ކޮންމެހެން އަސާސީ ބޭނުންތަކުގެ އަގު މައްޗަށް ދިޔައީކީ ނޫން ކަމަށާއި ރުފިޔާގެ އަގު ދަށަށް ދިޔައީ ކަމަށް ވިދާޅުވިއެވެ. އަދި، ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އަދިވެސް ދުވަހެއް ދުވަހަކަށް ދަށަށް ދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އެފަދައިން ވިދާޅުވިއިރު ބާޒާރުމަތީގައި ތަކެތި މަދުވުމުން އަގުތައް އުފުލި، 'ރަން' އަގުގައި ތަކެތި ވިއްކަން ވަނީ ފަށައިފައެވެ. އަދި، އިއްޔެ މާލޭގެ ބޮޑެތި ބާޒާރުތަކުން ފިޔާ ހުސްވި މައްސަލަ ވެސް ފެންމަތިވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރާއި މި އަހަރު ވެސް ތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ރާއްޖެއަށް ދަރަނީގެ ކަންބޮޑުވުން ވެސް ބޮޑުވެފައި އޮތްއިރު، ފައިސާގެ އަގު ދަށްވެ، ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއިން މައްޗަށް ގޮސްފައެވެ. ސަރުކާރުން ވިޔަފާރިތަކަށް ފައިސާ ދެއްކުން ލަސްވެ، މީގެ ކުރިން ވެސް ކަންބޮޑުވުން ބޮޑުވެފައިވެއެވެ.

comment ކޮމެންޓް