މެދުކެނޑުމަކަށްފަހު އަނެއްކާވެސް ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފި

އެފްޑީސީން ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން: މިނިވަން ދުވަހުގެ ބަންދަށް ފަހު އަނެއްކާވެސް އެ މަސައްކަތް ފަށައިފި -- ފޮޓޯ/ އެފްޑީސީ

މިނިވަންދުވަހުގެ ބަންދަށް ފަހު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަމުންދާ 4،000 ފުލެޓުގެ ތެރެއިން ފުރަތަމަ ދޫކުރާ ފުލެޓުތަކުގެ އެއްބަސްވުންތަކުގައި އަނެއްކާވެސް ސޮއިކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން، ފުލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ފުލެޓު ހަވާލުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެ މަޝްރުއާ ހަވާލުވެފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއެވެ.

އެ މަސައްކަތް އެފްޑީސީން ފެށީ މިމަހުގެ 21ގައެވެ. ނަމަވެސް މިނިވަން ދުވަހުގެ ބަންދަށް ހަތަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެ މަސައްކަތް މިއަދު ވަނީ އަނެއްކާ ވެސް ފަށައިފައެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ދަނީ، ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00އިން ފެށިގެން ހަވީރު 16:00 އާއި ދެމެދު، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައެވެ.

އެ މަސައްކަތް ކުރިއަށްދާ ގޮތަކީ، ފުލެޓް ލިބޭ މީހުންގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ދެނީއެވެ. އަދި އެ މައުލޫމާތު ދިން ކަމުގެ މެސެޖެއް އެ މީހެއްގެ ގެދޮރުވެރިންގެ ޕޯޓަލްއަށް ފޮނުވައެވެ.

އެފްޑީސީން ބުނީ ފުލެޓް ލިބޭ މީހުންނަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ދާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އެ މީހަކަށް އަންގާނެ ކަމަށެވެ.

އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ބައެއް ޓަވަރުތައް --- ސަން ފޮޓޯ

އެއްބަސްވުމުގައި ސޮއިކުރުމަށް ދާއިރު ގެންދަން ޖެހޭ ތަކެއްޗަކީ:

  • ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު 2 ކޮޕީ
  • ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު 2 ކޮޕީ
  • ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި 2 ކޮޕީ
  • ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު
  • އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް

އެފްޑީސީން މީގެ ކުރިން ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފުލެޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށެވެ. އަދި ފުލެޓްތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށާއި އެގޮތުން، ފަންކާއާއި ކުޑަދޮރާއި ދޮރު ހަރުކޮށް، ޓައިލްސް ޖަހައި ކުލަލައި، ފާޚާނާ ތަށްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް -- ފޮޓޯ/ ހައުސިން މިނިސްޓްރީ

މިދިޔަ މަހުގެ 29ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަަބްދުﷲ މުއްތަލިބު ވިދާޅުވީ، 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓް ހައްގުވާ މީހުންގެ ލިސްޓު ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާ ކުރުމަށް ފަހު، އައު ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ ފެބްރުވަރީ މަހެވެ.

އެ ލިސްޓާ ގުޅޭ ގޮތުން ވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް މުއްތަލިބު ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް ވިދާޅުވެފައެވެ.

ފަހި ޔޫނިއަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ

އެ ފުލެޓުތައް މިހާރު ހަވާލުކުރަން އުޅޭއިރު ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަންއިން ޖަމިއްޔާއިން ވަނީ މި ސަރުކާރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކާއި، ހިޔާ އަދި ވިނަރެސް ފްލެޓާއި، ރާއްޖޭގެ އެހެން ސޯޝަލް ހައުސިން ޔުނިޓަކުގެ ކުލި ކުޑަކުރި ގޮތަށް، އެފްޑީސީގެ 4،000 ފްލެޓުގެ ކުލި ކުޑަކޮށްދިނުމަށް ގޮވާލައިފައެވެ.

އެ ޖަމިއްޔާއިން ވަނީ އެ ފުލެޓުތަކުގެ ކުލި ލަސްވުމުން ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދާ ގުޅޭ ގޮތުން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކޮންމެ މަހެއްގެ 10ވަނަ ދުވަހުގެ ފަހުން ކުލި ދައްކާނަމަ 7،000 ރުފިޔާ ދައްކާ ދެ ކޮޓަރީީގެ އެޕާޓްމަންޓަކަށް 100 ޕަސެންޓަށްވުރެ ބޮޑު ޖޫރިމަނާއަކާއެކު 15،000 ރުފިޔާ އަދި، 9،000 ރުފިޔާ ދައްކާ ތިން ކޮޓަރީގެ އެޕާޓްމަންތަކަށް 170 ޕަސެންޓު ޖޫރިމަނާއާއެކު 25،000 ރުފިޔާ ދައްކަން ޖެހޭކަމަށް އެފްޑީސީ އެގްރީމަންޓުގައި ހިމަނާފައިވާކަމަށް، މައުލޫމާތު ލިބިފައިވާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

comment ކޮމެންޓް