މަޝްހޫރު މެސެޖިން އެޕްލިކޭޝަން، ވަޓްސްއެޕުން އަލިކަން ކުޑަ ތަންތަނުގައި ފޮޓޯ ނެގުމަށް ޚާއްސަ 'ނައިޓް މޯޑެއް' ތަރައްޤީކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ފީޗާގެ މަޤުސަދަކީ އަލިކަން ކުޑަ މާޙައުލުތަކުގައި ނަގާ ފޮޓޯތަކުގެ ފެންވަރު ރަނގަޅުކުރުމެވެ.
ވަޓްސްއެޕްގެ ފީޗާތަކާ ބެހޭ މަޢުލޫމާތު ހާމަކުރާ 'ޑަބްލިއުއޭބީޓާއިންފޯ'އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފީޗާ ފެނިފައިވަނީ ވަޓްސްއެޕްގެ އެންޑްރޮއިޑް ބީޓާ ވާޝަން 2.25.22.2 ގައެވެ.
"ނައިޓް މޯޑް" ގެ ނަން ދީފައިވާ މި ފީޗާގެ ސަބަބުން، އިތުރު އެފެކްޓްތަކެއް ނުވަތަ ސްޓައިލްތަކެއް ނާޅާ، ފޮޓޯގެ އަލިކަމާއި ސާފުކަން ރަނގަޅުކޮށްދެއެވެ.
ޓްރެކާއިން ޢާންމުކޮށްފައިވާ ސްކްރީންޝޮޓުން އެ ފީޗާ ފެންނަ ގޮތުގައި، ކެމެރާ އިންޓަފޭސްގެ މަތީ ކަނާތްފަރާތުގައިވާ ފްލޭޝް އައިކަން ކައިރީގައި ހަނދުގެ ކުރެހުމެއް (މޫން އައިކަން) އިތުރުކޮށްފައިވެއެވެ. މި އައިކަނަށް ފިތާލުމުން ނައިޓް މޯޑް އޮން-އޮފް ކުރެވެއެވެ. ނަމަވެސް، ވަށައިގެން އަލިކަމަށް ބަލައިގެން އޮޓޮމެޓިކުން މި މޯޑެއް ނުޖެއްސޭނެއެވެ. އެއީ މެނުއަލްކޮށް ބޭނުންކުރަން ޖެހޭ ފީޗާއެކެވެ.
މި ފީޗާގެ ސަބަބުން، ސޮފްޓްވެއާ ބޭނުންކޮށްގެން ފޮޓޯގެ އެކްސްޕޯޝާ ރަނގަޅުކޮށް، ނޮއިޒް (ފޮޓޯގައި ހުންނަ ކުދިކުދި ތިކިތައް) މަދުކޮށްދެއެވެ. ޑަބްލިއުއޭބީޓާއިންފޯއިން ބުނާ ގޮތުގައި، މި ފީޗާގެ އެހީގައި ބޭރުން އިތުރު އަލިކަމެއް ނެތިވެސް، ފޮޓޯގެ އަނދިރި ހިސާބުތަކުން އިތުރު ތަފުސީލުތައް ނެގޭނެއެވެ.
މިއީ ޚާއްސަކޮށް، ގޭތެރޭގައި ނުވަތަ ރޭގަނޑު އަލިކަން މަދު ވަގުތުތަކުގައި ފޮޓޯ ނެގުމަށް ވަރަށް ބޭނުންތެރި ފީޗާއަކަށް ވާނެއެވެ.
ނަމަވެސް، ވަރަށް ބޮޑަށް އަލިކަން ކުޑަ ތަންތަނުގައި ފޮޓޯ ނަގާނަމަ، ފެންވަރަށް އަންނާނީ "މޮޑެސްޓް" (މެދުމިނުގެ) ރަނގަޅުވުމެއް ކަމަށް ރިޕޯޓްގައިވެއެވެ. މިއީ ޕްރޮފެޝަނަލް ފޮޓޯގްރަފީގެ ބަދަލެއް ނޫންކަން ވެސް ފާހަގަކޮށްފައިވެއެވެ.
ޑަބްލިއުއޭބީޓާއިންފޯއިން ރިޕޯޓްކުރާ ގޮތުގައި މި ފީޗާ މި ވަގުތު ލިބެނީ ގޫގުލް ޕްލޭ ބީޓާ ޕްރޮގްރާމްގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ޓެސްޓަރުންނަށެވެ. އަންނަ ހަފުތާތަކުގެ ތެރޭގައި އެޕްގެ އާ އަޕްޑޭޓަކާ އެކު އިތުރު ޔޫޒަރުންނަށް މި ފީޗާ ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.